ކުރީގެ ރައީސް އަބްދުއްﷲ ޔާމީންގެ ޝަރީއަތް މަޑުޖެހިފައި އޮންނަ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި އަސްލަމް ވަނީ ޔާމީންގެ ޝަރިއާތް މަޑުޖެހިފައިވާ މައްސަލައިގައި ކަންބޮޑުވުންފާޅު ކުރައްވާފައެވެ. މި ގޮތުން އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައިގެ ޝަރީއަތް ނުނިިމި ދިގުލައިގެން ގޮސްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

ހައި ކޯޓުގައި ހުކުމާ ހަމަޔަށް ގޮސް ހަތަރު މަސް ވީއިރު، އެ މައްސަލާގައި ހުކުމް އިއްވުން ލަސްކުރަމުންދަނީ މި ސަރުކާރުން ނުފޫޒުކަމަށް ތުހުމަތުކުރައްވަމުން އަސްލަމް ވަނީ މި މައްސަލަ މިއަދު ޖޭއެސްސީއަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ވަކި ސަރުކާރަކަށް ވުމުން، ވަކި ބަޔަކު އިންސާފުން އެއްކިބާވާ ގޮތަށް ކަންކަން ކޮށްގެން ނުވާނެކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ ހާއްސަކޮށް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ އިހުތިރާމް ކޮންމެ ސަރުކާރެއް އޮތަސް ދޭން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މި ސަރުކާރުން ޔާމީންގެ ޝަރީއަތަށް 'އަތްބާނަމުން' ދާ ކަމުގެ އެންމެ ބޮޑު ހެއްކަކީ ޕީޕަލަސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ފޮނުވައިގެން ހުއްޓުވި ހުއްޓުވުން ކަމަށެވެ. އަދި ސިޔާސީ އެއްވެސް ހަރަކާތެއްގެ ތެރެއަށް އޭރެއްގައި އޮންނަ ސަރުކާރަކުން ފޮނުވައިގެން ނޫން ގޮތަކަށް ފުލުހުން ނުވަންނާނެކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މަނީ ލޯންޑާ ކުރުމާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފީ އަޑުއެހުންތައް ނިމިފައިވާއިރު ދެން އޮތީ އެ މައްސަލައިގެ ހުކުން އިއްވުމެވެ. ޔާމީންގެ ޝަރީއަތުގެ އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.