ވަޒީފާގެ ބިރުދައްކަން ޕީއެންސީ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދެއްކި މައްސަލަ ހުށަހަޅަން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު އެދިވަޑައިގެންފިއެވެ.

ފުވާދު މިފަދައިން ވިދާޅުވީ އެކަމާ ގުޅިގެން މީހަކު އެކްސްގައި ކުރި ޕޯސްޓަކަށެވެ.

ހިންނަވަރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދެއްކި އަހުމަދު ޝަރީފް އަބްދުއްރަހުމާން ޔޫސުފް (ހަންޓާ އަހުމަދު) ވަނީ ކޫއްޑޫގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އިދިކޮޅުގެ މީހުންނަށްވެސް ސަރުކާރުން ގުޅައިގެން ސަރުކާރަށް އެއްބާރުލުން ދިނުމަށް އެދެން ޖެހޭ ކަމަށް ބުނެފައެވެ. އަދި އެފަދަ މުވައްޒަފުން ސަރުކާރާ ނުގުޅިއްޖެނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށާއި އެކަް ކޮށްގެން ނޫނީ ކާމިޔާބުކުރަް ދަތި ތަކެއް ކުރިމަތިވާނެ ކަމަށް ހަންޓާ ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެން އެ ޖަލްސާގައި ހަންޓާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދަންނަވައިގެން ވިޔަސް ހާއްސަކޮށް ފެލިވަރުގައި މަސައްކަތް ކުރާ މީހުން ކޮންޓްރޯލް ކުރުމުގެ ބާރު ކެންޑިޑޭޓަށް ދީގެން ވަޒީފާގެ ފުރުސަތު ލިބޭނެ މަގު ފަހިކޮށްދިނުމަށް އެދިފައެވެ.

"--- އެ ބޭފުޅުންނަށް ސަރުކާރުގެ ފަރާތުން އެބަ ޖެހޭ ގުޅުއްވައިގެން ނަމަވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދޭނެ ވާހަކަ ދަންނަވައިގެން. އަޅުގަނޑުމެންނާ ގުޅިވަޑައި ނުގެންފި ކަމުގައި ވަނީ ނަމަ އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތަކެއް އެބަ ޖެހޭ އަޅަން އިނގޭތޯ މިކަން ކޮށްގެންނޫނީ އަޅުގަނޑުމެންނަށް މިކަން ކާމިޔާބުކުރުމަށް ދަތި ތަކެއް އެކުލެވިގެން ހިނގައިދާނެ."
ހަންޓާ އަހުމަދު

އެކަމާ ގުޅިގެން ފުވާދު ވިދާޅުވީ މިއީ ރަނގަޅު ކަމެއް ނޫން ކަމަށާއި އަޅަން ޖެހޭ ފިޔަވަޅު އެޅުމަށްި ޝަކުވާ ފޯމު ނޭޝަނަލް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

މިފަދަ މައްސަލަތައް އީސީއިން ބެލޭނެ ގޮތެއް ނެތް ތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުވާދު ވަނީ އީސީއިން ބެލޭނެ ގޮތެއް ނޯންނަ ކަމަށެވެ. އަދި ކޯޓުތަކުންވެސް ޝަރީއަތް ކުރަނީ އެ އޮންނަ ގަވާއިދުން މައްސަލަ ޝަރީއަތަށް ހުށަހަޅީމަ ކަމަށާއި ފޭސްބުކް، އެކްސް ފަދަ ސޯޝަލް މީޑީއާގައި ލިޔާ ވާހަކައަކަށް އަމިއްލައަށް ކޯޓަކުން، ޓްރިބިއުނަލްއަކުން މައްސަލަ ނުބަލާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވަނީ މި ކަމުގައި ޝަބަބު ތަކަކާއި ހިކުމަތް ތަކެއް ވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ހަންޓާއަކީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވެފައިވާ ކެންޑިޑޭޓެކެވެ.