ބޯކޮށް ވާރޭވެހި، ތ. ކަނޑޫދޫގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

މިކަމާ ގުޅޭ ގޮތުން ކަނޑޫދޫގެ ކައުންސިލުގެ ރައީސް އަހުމަދު ރީހާން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ އާއި ރޭ ދަންވަރު އެރަށަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވެފައިވާ ކަމަށެވެ.

އަދި ބައެއް ގޭތަކަށްވެސް ފެން ވަދެފައިވާއިރު، ރީހާން ވިދާޅުވި ގޮތުގައި ފެން ގަނޑު ވަނީ މިހާރު ވަރަށް ބޮޑަށް ހިނދިފައެވެ. ރީހާން ވިދާޅުވި ގޮތުގައި ބޯކޮށް ވާރޭ ވެހިއްޖެނަމަ އެރަށުގައި އާންމުކޮށް ފެން ބޮޑުވުމުގެ މައްސަލަ ކުރިމަތިވެއެވެ.

ކަނޑޫދޫގެ މަގެއްގައި ފެން ބޮޑުވެފައި / ފޮޓޯ: އެކްސިޑެންޓްސް މޯލްޑިވްސް

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ލަފާކޮށްފައި ވަނީ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ ކަމަށާއި އެ ސަރަހައްދުގެ އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އެހެންކަމުން އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 އަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

ފިތުރު އީދު ބަންދަށް ފަހު މާދަމާ ސަރުކާރު އޮފީސްތަކާއި ސުކޫލުތައް ހުޅުވޭއިރު ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާނެއެވެ. އެހެންކަމުން ދަތުރު ކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އެދިފައެވެ.