މިހާރު، ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ދެ މަންޒިލަކުން އައްޑޫއަށް ޗާޓަރު ފުލައިޓުތައް ގެނައުމުގެ މަޝްވަރާތައް ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ތަރައްގީގެ އުންމީދުގައި ހަގީގީ ކުލަ ޖެހި، ލޯ ކުރިމަތިން އަމަލީ ސިފައިގައި ނަތީޖާ ނެރެ ތަރައްގީ ދައްކައިދޭން ބޭނުންފުޅު ވެވަޑައިގަންވަާކަމަށެވެ.
މި ގޮތުން ރައީސް ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަޝްރޫއަކީ އައްޑޫ ސިޓީގެ އެއާޕޯޓު ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތަކީ އަބަދުވެސް ކުރަން ނުކުރަން ގޮސް ލަސްވަމުންދާ މަސައްކަތެއްކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް، މިހާރު ހިނގަމުންދާ މަޝްރޫއަށް ބައެއް ކަންކަން އިތުރުކޮށް އެންމެ ފުރިހަމަ ޒަމާނީ ބައިނަލްއަގްވާމީ ވައިގެ ބަނދަރަކަށް އެ އެއާޕޯޓު ހައްދަވާނެ ކަމަށެވެ. އަދި އެއާޕޯޓާއެކު ސިޓީ ހޮޓާވެސް ތަރައްގީ ކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އައްޑޫ އެއާޕޯޓު ތަރައްގީކުރުމުގެ އިތުރަށް އެކި މަންޒިލުތަކުން އައްޑޫއަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ނުވަތަ އެންމެ ގިނައިން ފަތުރުވެރިން އަންނަ ދުވަސްވަރު އައުމުގެ ކުރިން އެކި މަންޒިލުތަކުން ޗާޓަރު ފުލައިޓުތައް ގެނައުމުގެ މަސައްކަތްކުރަމުން އަންނަކަމުގައެވެ.
މިހާރުވެސް އައްޑޫއަށް ލަންކާ އެއާލައިންސްއިން ކުރަމުންދާ ދަތުރުތައް ދެގުނައަށް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މޯލްޑިވިއަން މެދުވެރިކޮށް އައްޑޫން ހުވަދޫއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި އޮކްޓޯބަރު މަހުން ފެށިގެން ދަތުރުތައް ފެށިގެންދާނެ ކަމަށެވެ.