މައި އިދިކޮޅު ޕާޓީ، އެމްޑީޕީން އެންޓިކެމްޕެއިން ކުރާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅާނެ ކަމަށް، ވެރިކަންކުރާ ޕާޓީ ޕީއެންސީން މިއަދު ބުނެފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ޕީއެންސީން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕެއިން ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، އެމްޑީޕީން ސަރުކާރާ ގުޅޭ ގޮތުން ދޮގު ވާހަކަ ފަތުރަމުން ސޯޝަލް މީޑިއާގައި ކެމްޕެއިންކުރަމުންދާ ކަމަށެވެ.

މިއީ އިންތިހާބުތަކުގެ ގާނޫނާ ހިލާފުކަމެއް ކަމަށާއި، މި މައްސަލަ ޕީއެންސީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ މިދިޔަ ސަރުކާރުން ވޭތުވެދިޔަ ފަސް އަހަރު އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހީނާ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ހީނާ ވިދާޅުވި ގޮތުގައި:

  • އޭރު ސިލްސިލާކޮށް ކުރިއަށް ގެންދިޔަ އިހުތިޖާޖުތަކަށް ފުލުހުން ހުރަސް އަޅާފައިވޭ
  • އޭރުގެ އިދިކޮޅުގެ އިދާރީ މުވައްޒަފުންނަށް ޕާޓީގެ އޮފީހަށް ނުވަދެވޭ ގޮތަށް ހެދި
  • އިހުތިޖާޖުތަކުގައި ބައިވެރިވި އަންހެނުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް އަނިޔާކުރި
  • ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި

"އެހެންވީމާ މިދިޔަ ފަސް އަހަރަކީ ހަގީގަތުގަ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ދަތިކުރި އެންމެ ބޮޑަށް ހުރަސް އެޅި ފަސް އަހަރު،" އޭނާ ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ސިޔާސީވެރިންނަށް ބިރު ދެއްކުމާއި އެއްވެސް ސަބަބެއް ނެތި ސިޔާސީވެރިން ހައްޔަރުކުރުން ފަދަ ކަމެއް ނުކުރާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. ހީނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ ޕީއެންއެފް އުފެއްދުމަށްޓަކައި މިދިޔަ އަންގާރަ ދުވަހުގެރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ އަށް ފުލުހުން ހުރަސްއެޅުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

މީޑިއާތަކަށް އެ ރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ޣިޔާސުއްދީން ސްކޫލުގައި ފުލުހުން ހަރަކާތްތެރިވީ އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތްކުރި 'ހުއްދަދެވިފައި ނުވާ' އެއްވުމެއް ހުއްޓުވުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވާތީ ކަމަށެވެ. އަންގާރަ ދުވަހުގެރޭ ބޭއްވަން އުޅުނު ޖަލްސާ އަށް ފުލުހުން ހުރަސްއެޅުމުން ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި އެސްއޯ ފުލުހުން ހަރަކާތްތެރިވެ، ބައިވެރިންގެ މޫނުތަކަށް ޕެޕާ ސްޕްރޭ ވެސް ޖަހާފައިވެއެވެ.