ރަޝީއާއިން ޔޫކްރައިން އާ ކުރާ ހަނގުރާމައިގައި އުމްރާނީ ވަސީލަތްތަކަށް އަމާޒު ކުރާ ހަމަލާގެ އެންމެ ފަހު ސިލްސިލާގައި ޔޫކްރައިންގެ އެންމެ ބޮޑު ޕަވާ ޕްލާންޓް ގޮއްވާލައިފިއެވެ.

ވެރިރަށް ކީވް އާ 50 ކިލޯމީޓަރު ދުރުގައި އޮންނަ ޓްރައިޕިލްޔާގައި ހުންނަ އިންޖީނު ގެއަކީ ކީވް ހިމެނޭހެން ޒައިޓޮމީރް އަދި ޗެރްކަސީ އަށް ކަރަންޓް ފޯރުކޮށްދޭ އިންޖީނު ގެއެވެ.

ރޭ ޖުމްލަ 80 ހަމަލާއެއް ޔޫކްރައިން އަށް އަމާޒު ކުރި އިރު އޭގެ ތެރޭގައި 40 މިސައިލް ހަމަލާ އާއި ޑްރޯން ހަމަލާގެ 40 ހަމަލާ ހިމެނެއެވެ.

މި ޕަވާޕްލާންޓް ގޮވާފައި ވުމުން ކަރަންޓްގެ ހިދުމަތުން 200,000 އަށް ވުރެ ގިނަ ގޭބިސީ މަހުރޫމްވެފައި ވާ އިރު އޮފިޝަލުން ބުނީ އިންޖީނުގެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވާ ކަމަށެވެ.

ސެންޓްރެނާގޯ ކިޔާ ކުންފުންޏަކުން އޮޕަރޭޓް ކުރާ މި އިންޖީނުގެ ރަޝިއާއިން ގޮއްވާލާފައި ވާ އިރު, އެ އިންޖީނު ގެއަކީ މުޅި ޔޫކްރައިންގެ އެނާޖީ އިންފްރާސްޓަރަކްޗާގެ 8 ޕަސެންޓް ހިއްސާ ކުރާ ނުވަތަ 8 ޕަސެންޓް އަށް ކަރަންޓް ފޯރުކޮށްދޭ އިންޖީނުގެއެވެ.

އޮފިޝަލުން ބުނާގޮތުން ޔޫރަޕުން ސާމާނު ލިބި އިންޖީނުގެ މަރާމާތު ކޮށް އަލުން އުޕަރޭޝަނަށް ގެނެވުނު ނަމަވެސް ފިނި މޫސުން އަންނަ އިރު ބޭނުންވާ މިންވަރާ ގާތަށް ވެސް ކަރަންޓެއް ނުއުފެއްދޭނެއެވެ.

މި ކުންފުނިން ކާކީވްގައި ހިންގާ ޕަވާ ޕްލާންޓް މީގެ ކުރިން ރަޝިއާއިން ގޮއްވާލާފައި ވާ އިރު ޑޮނެސްކް ސަރަހައްދުގައި ހިންގާ ޕަވާ ޕްލާންޓް ރަޝިއާއިން ވަނީ އަރާ ހިފާފައެވެ.

ރޭގެ ހަމަލާތަކާ ގުޅިގެން ޔޫކްރައިންގެ އޮފިޝަލުން ބުނީ, ރަޝިއާގެ ނުރައްކާތެރިކަން ގައިމު މިހާރު ހާމަވާނެ ކަމަށާއި ވައިގެ ދިފާއީ ބާރު ވަރުގަދަ ކުރަން ހުޅަނގުން އެހީ ނުލިބި ރަޝިއާގެ ހަމަލާތައް މައިތިރި ނުކުރެވޭނެ ކަމަށެވެ. އެއާއެކު ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވަނީ ހުޅަނގާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވައި ހުޅަނގުގެ އެހީ ލިބުން ލަސްވާތީ ފާޑުވިދާޅުވެފައެވެ.

މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބުނީ, މިއީ ޔޫކްރައިން އިން ރަޝިއާއަށް ދިން ހަމަލާގެ ބަދަލު ހިފުމެއް ކަމަށެވެ.

މިހަމަލާގައި ޔޫކްރައިންގެ އެކި ސަރަހައްދުތަކުން 10 މީހަކު މަރުވެ އެތައްބަޔަކު ޒަހަމްވެފައި ވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.