އިޒްރޭލުން ގާޒާއަށް އަރާ ކުރާ ހަނގުރާމަ އަކީ "މިސްޓޭކެއް" ކަމަށާއި ހަމަލާތައް ވަގުތީ ހުއްޓާލުމަށް ގޮވާލުމަށް އިޒްރޭލުގެ ވެރިންނަށް ދަންނަވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
މިއަދު މުސްލިމުންނަށް އީދުގެ ތަހުނިޔާވެސް ބައިޑަން ވިދާޅުވެފައި ވާ އިރު, ހަމަލާތައް ހުއްޓާލުމަށް ގޮވާލުމަށް އިޒްރޭލުގެ ވެރިންނަށް ދަންނަވާ ކަމަށް އޭނާ ވިދާޅުވީ, ސްޕެއިން ބަހުން ބްރޯޑްކާސްޓްކުރާ ޓީވީ ޗެނަލް ޔުނިވިޝަން އަށް ދެއްވި އިންޓްވިއުއްގައެވެ.
އޭނާ ވިދާޅުވީ, ގާޒާ ހަނގުރާމަ އަކީ މިސްޓޭކެއް (ގޯހެއް) ކަމަށާއި ހަނގުރާމައާއިގެން ނަތަންޔާހޫ ކުރިއަށް ދާ ގޮތާ އޭނާ އެއްބަސްވެވަޑައިނުގަންނަވާ ކަމަށެވެ.
"އަހަރެން ގޮވާލަން އިޒްރޭލުގެ ވެރިންނަށް, ހަމަލާތައް ހުއްޓާލުމަށް އިއުލާން ކުރަން, 6 ހަފްތާ ނުވަތަ 8 ހަފްތާއަށް ވިޔަސް ހުއްޓާލައި ގާޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދޭން"
ބައިޑަން ވިދާޅުވީ ގާޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފޯރުކޮށް ނުދޭން އިޒްރޭލަށް އެއްވެސް ބަހަނާއެއް ނޯންނާނެ ކަމަށެވެ. އަދި ގާޒާއަށް އެހީގެ ތަކެތި ފޯރުކޮށްދޭން އުޅެނިކޮށް ދާދިފަހުން އިޒްރޭލުން މަރާލި 'ވޯލްޑް ސެންޓްރަލް ކިޗަން' ގެ 7 މެންބަރުން މަރާލުން ބައިޑަން ވަނީ ކުށްވެރި ކުރައްވާފައެވެ.
ވޯލްޑް ސެންޓްރަލް ކިޗަން އަކީ ހަނގުރާމައިގެ ހާލަތްތަކުގައި ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ އެއް ޖަމާއަތެވެ. އެޖަމާއަތުގައި ހުޅަނގުގެ ގައުމުތަކުގެ މެންބަރުން ހިމެނޭ އިރު އިޒްރޭލުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ މެންބަރުން ހިމެނެއެވެ.
ބައިޑަން އާއި ހުޅަނގުން އިޒްރޭލު ދެކެ ރުޅި އައި އެއް ސަބަބަކީ މިއެވެ. މިއޮއްހާ ދުވަހު އދ ގެ އެހީދޭ ޖަމްއިއްޔާ އަންރުވާ ގެ އެތައް ސަތޭކަ މެންބަރުން އިޒްރޭލުން ހަމަލާދީ މަރާލި ނަމަވެސް އެމެރިކާގެ ބަސްމަގަކަށް ބަދަލެއް ނާދެއެއެވެ.
އިޒްރޭލުން ގާޒާއަށް އަރާ ކުރާ ހަނގުރާމައިގައި މިހާތަނަށް 33,000 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.
މުޅިސަހަރު ސުންނާފަތިކޮއް އެއްމެއް މަރާފަ ހެދުނުގޯހެކޭބުނަނީތަ ޔަގީން އިންތިހާބެއް ގާތްވެފަ އޮތީމަ މުސްލިމުންގެ ވޯޓުކޮޅު ހޯދަންވެގެންއެއީ މިހާރުވެސް އިޒުރޭލަށް ފޮނުވަން ހަތިޔާރު ބަރުކުރަންހުރެގެންކަންނޭގެ އެހެންއެކިޔަނީ ވ ސަކަރާތް މހުސަރުގާހަދާނީކިހިނެއްބަ މިސްޓޭންކުކިޔަން