ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހާލަތާ ނުބައްދަލު ބާރު ބޭނުން ނުކުރުމަށް ރައީސް އިރުޝާދު ދެއްވާފައި ވާކަމަށާއި ރޭ ޕީއެންއެފްގެ ޖަލްސާއަށް ހުރަސްއެޅުމުމުގައި ފުލުހުން އަމަލު ކުރިގޮތް ބަލަމުން ދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ޕީއެންއެފް އުފައްދާ ޖަލްސާ ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވުމަށް އިންތިޒާމު ކޮށްފައި ވަނިކޮށް ފުލުހުން ވަނީ އެ ޖަލްސާ ހުއްޓުވުމަށް ހުރަސް އަޅާފައެވެ. ފުލުހުން ބުނެފައި ވަނީ، އެގޮތަށް އެކަން ކުރީ، އެ ބައްދަލުވުން ހުއްޓުވައި ދިނުމަށް ޣިޔާސުންދީންގެ ފަރާތުން އެޑިއުކޭޝަން ގައި އެދުމުން، ޖަލްސާ ހުއްޓުވައިދޭން އެޑިއުކޭޝަނުން ފުލުހުންގެ ކިބައި އެދިފައި ވާތީ ކަމަށެވެ.

ޕީއެންއެފްގެ ޖަލްސާއަށް ފުރުހުން ހުރަސް އެޅުމުން، ސްކޫލުގެ ބޭރުގައި ޕީއެންއެފްގެ މެންބަރުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި ބައެއް މީހުން ވެއްޓި އެކިވަރުގެ އަނިޔާ ލިބިފައި ވާ އިރު، ޕީއެންއެފްގެ ފަރާތުން ތުހުމަތު ކުރަނީ ފުލުހުން އެގޮތަށް އަމަލު ކުރީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށެވެ.

ރޭގެ އެ ހަމަނުޖެހުމާ ހުރެ ޕީއެންއެފްގެ ޖަލްސާ ޣިޔާސުއްދީންގައި ބޭއްވޭ ގޮތް ނުވެގެން އެ ޖަލްސާ އެންމެ ފަހުން ބޭއްވީ މާލޭ ރާޅުގަނޑު ސަރަހައްދުގައި ފޯނު އަލީގައެވެ. ރޭ މެންދަމު 12 ވެސް ޖެހިފަހުން ފެށޭ ވަރުވި އެ ޖަލްސާގައި ޕީއެންއެފްގެ ލޯގޯއާއި ކުލައާއި ދިދަ އަދި އަސާސީ ގަވާއިދާއި އިދާރީ އެހެނިގެން މަގާމުތަކަށް ވޯޓަށް އަހާ ފާސްކޮށްފައި ވާ އިރު، ޕާޓީގެ ވަގުތީ ރައީސަކަށް ހޮވުނީ އެ ޕާޓީގެ އެއް މުއައްސިސް ޒެއިން އަބްދުﷲ ޔާމީނެވެ.

ރޭގެ އެ ހަމަނުޖެހުމާ ގުޅިގެން ހޯމް މިނިސްޓަރި އަލީ އިހުސާން ވިދާޅުވީ، ރައްޔިތުންނާ ގުޅޭކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރި ވާއިރު ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުން ނުކުރުމަށާއި އަދި ވަކިން ހާއްސަކޮށް އެސްއޯ“ ފުލުހުން ހާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރުމަށް ރައީސް މުއިއްޒު އަންގަވާފައި ވާ ކަމަށެވެ.

އެހެން ކަމުން ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި “އެސްއޯ“ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން ފުލުހުންގެ ކަމިޝަނަރަށް އަންގަވާފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންއެފްގެ ޖަލްސާ ޣިޔާސުއްދީންގައި ބޭއްވުމަށް އެ ސްކޫލު ހިންގާ ކުންފުންޏާއި ޕީއެންއެފްއާ ދެމެދު އެއްބަސްވުމެއް ހަދާ ވަނީ ފައިސާވެސް ދައްކާފައެވެ. ނަމަވެސް ސްކޫލުގެ ފަރާތުން އެ ބައްދަލުވުން ބޭއްވުން ކެންސަލް ކޮށް ޕީއެންއެފްއިން ދެއްކި ފައިސާ އަނބުރާ ރީފަންޑު ކޮށްދޭނެ ކަމަށް ބުނެ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެއް ފައުންޑަރު ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް މެއިލް އެއް ކޮށްފައި ވެއެވެ.

މި މައްސަލައިގައި މަލީހު އާއި ޕީއެންއެފްގެ ލީޑާޝިޕުން ބުނީ، ރޭ ފެނިގެން އެދިޔައީ ޑިމޮޮކްރަސީގެ ހަޔާތުގައި ކަޅު ދުވަހެއް ކަމަށާއި އެ ކަމުން އެނގިގެން ދަނީ "ރައީސް މުއިއްޒު ޑެސްޕަރޭޓް" ވެވަޑައިގެންފައި ވާ މިންވަރު ކަމަށެވެ.

ޕީއެންއެފް އަކީ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕާޓީއެކެވެ. ޔާމީން އަކީ މިހާރު ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކުރީގެ ލީޑަރެވެ. އެ ޕާޓީތަކުގެ ލީޑާޝިޕްގެ ތެރޭގައި އުފެދުނު ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި ޔާމީން ޕީޕީއެމް ދޫކޮށްލައްވައި ނިކުމެވަޑައިގެން ޕީއެންއެފް އުފައްދަވާކަން އިއުލާން ކުރެއްވުމާއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި ތިބި އާންމު ބައެއް މެންބަރުން ޕީއެންއެފް އާ ވަނީ ގުޅިފައެވެ.

ރޭ އެ ޕާޓީ އުފައްދާ ޖަލްސާ ރާޅުގަނޑު ސަރަހައްދުގައި ބޭއްވީ ހާޒިރީގައި 329 މެންބަރުން ތިބިކަމަށް ބަލައިގެންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ޕާޓީ އުފައްދާ ޖަލްސާގައި މަދުވެގެން 300 މެންމަރުން ހަމަވާންވާނެއެވެ.