މަސްދުވަހުގެ ތަމްރީނަކަށް ފަހު، އެންމެހާ އަހުންނާއި އުހުތުންގެ އީމާންކަން ވަނީ އިތުރުވެފައި ކަމަށާއި ރޯދަ މަހު ކުރަން އާދަވި ހެޔޮކަންތައްތައް ކުރުމުގައި ދެމިތިބުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފިއެވެ.

މިއަދު ހެނދުނު 7 ޖެހި އިރު މާލެއާއި އަތޮޅުތަކުގެ ރަށްރާށުގައި ކުރި އީދު ނަމާދުގެ ހުތުބާ އަމާޒު ކޮށްފައި ވަނީ ރޯދައިން ލިބިގެން ދިޔަ ހެޔޮ ތަރުބިއްޔަތުގެ މަތީގައި ދެމިތިބުމުގެ މައްޗަށެވެ.

މާލޭގައި ބޮޑުޖަމާއަތުގައި ކުރި އީދު ނަމާދުގައި ހުތުބާ ދެއްވަމުން އިސްލާޏިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ, ހެޔޮ ކަންކަން ކުރުމަށް ނަފްސު އާދަވެ، އެކަން މިވަނީ ފަސޭހަވެފައި ކަމަށާއި އަހަރެމެންގެ މި އީމާންކަން، މި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުމަށެވެ. އަދި ގިނަގިނައިން ސުންނަތް ނަމާދުކުރާ ބަޔަކަށް ވުމަށާއި ފަތިސްނަމާދުގެ އިހު ސުންނަތާއި، ޟުޙާ ނަމާދާއި، ރަވާތިބު ސުންނަތްތަކާއި، ވިތުރިއާއި، ދަމު ނަމާދު, ވީހާ ގިނައިން ކުރެވޭތޯ މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވިއެވެ. މީގެ އިތުރުން ހޯމަ ބުރާސްފަތީގެ ރޯދަ އާއި، މެދުފޮއި ރޯދަ އާއި، އާޝޫރާ ދުވަހާއި ޢަރަފާތު ދުވަހު ރޯދަ ހިފުމަށް ފަރުވާތެރިވުމަށް ވެސް އޭނާ މިއަދު ދެއްވި ހުތުބާގައި ގޮވާލައްވާފައި ވެއެވެ.

މިއަދުގެ ހުތުބާގައި ފިތުރު ޒަކާތަށް ރައްކާތެރިވީ ފަދައިން، މުދަލު ޒަކާތަށް ރައްކާތެރިވުމަށާއި ގިނަގިނައިން ސަދަގާތްދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.

އަދި މުސްލިމުން މިއަދު އީދު ފާހަގަ ކުރަމުން ގެންދާ އިރު ސަހުޔޫނީންގެ ނުލަފާ އުދުވާނުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން މިއަދު ތަހަންމަލް ކުރަމުން ގެންދާ ވޭނާއި ކެކެޅުމުގެ އިހުސާސްތަކުގެ މަތިން ހަނދާން ކުރުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.

ފަލަސްތީނުގައި ތިބި ރައްޔިތުން މި ރޯދަމަސް ނިންމާފައި ވަނީ ކާނެ ބޯނެ އެއްޗެއްވެސް ނެތް ފަދަ ހާލަތެއްގައި ކަމަށާއި الله އާ ކުއްތަންވުމުގައި އެ މީހުން އުފުލި ވޭނުގެ މަތިން ހަނދާން ކުރުމަށް ވެސް ގޮވާލައްވާފައި ވެއެވެ. އެގޮތުން އިޒްރޭލުގެ އުދުވާނުގައި ފުނޑުފުނޑު ކޮށްލާފައި ވާ އިމާރާތްތަކުގެ ތެރޭގައި ހިރަފުހުގައި الله އާ ކުއްތަންވުމަށް އަޅުކަން އަދާ ކުރަމުން ގެންދިޔައީ ނުގުޑާފަދަ އީމާންތެރިކަމަކާއެކުގައި ކަމަށާއި އެމީހުން ތަހަންމަލް ކުރަމުން ގެންދާ ހައިހޫނުކަމުގެ އިހުސާސްގައި އަހަރެމެން (ދިވެހިން) ބައިވެރިވެ ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ގޮވާލައްވާފައި ވެއެވެ.

https://fb.watch/rlPG1pH6DC/

މިއަދު ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދަށް މާލޭގެ ޓްރެކް ސަރަހައްދު އެކީއެކަށް އޮތީ ފުރިފައެވެ. ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިން ބައިވެރިވިކަން ފާހަގަ ކުރެވެއެވެ. މާލޭގެ އިތުރުން ހުޅުމާލެ, ވިލިނގިލި އަދި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ އިތުރުން ލަންކާފަދަ ގައުމުތަކުގައި ދިވެހިން ބައިވެރިވެ ކުރި އީދު ނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެއެވެ.