އެންމެ ފަހުން ފޯނު އަލީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ އާ ޕާޓީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވައި، ޕާޓީގެ ވަގުތީ ރައީސްކަމަށް އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ހޮވައިފިއެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކުރީ ޣިޔާސުއްދީން ސްކޫލުގެ ހޯލުގައި ރޭ 10 ޖަހާއިރަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ޣިޔާސުއްދީން ސްކޫލުން އެދިގެން ފުލުހުން ހުރަސް އެޅުމުން، އެ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ އެންމެ ފަހުން ބަދަލުކުރީ ރާޅުގަނޑު ސަރަހައްދަށެވެ.

އެހެންވެ އެންމެ ފަހުން ރާޅުގަނޑު ސަރަހައްދުގައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވީއެވެ. ނަމަވެސް މިރޭ ޖަލްސާ ނުބޭއްވި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުން އެންމެ ފަހުން ދަންވަރު 12:20 ގައި ޖަލްސާ ފަށައި، ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭ ޖަލްސާ ނިންމާލީއެވެ.

މިރޭގެ ޖަލްސާގައި ޕީއެންއެފްގެ 329 މެންބަރަކު ބައިވެރިވިއެވެ. ހުރިހާ މެންބަރުންގެ އިއްތިފާގުން ޕާޓީގެ ނަމާއި ލޯގޯ އާއި ކުލަ އާއި ޕާޓީގެ އޮފީހާއި އަސާސީ ގަވައިދު ވަނީ ފާސްކޮށްފައެވެ. ޕާޓީ އުފެއްދުމަށްޓަކައި ބޭއްވި ޖަލްސާގެ ކުރިން ޕީއެންއެފްގެ ކުލައަކީ ދަނބު ކުލައެވެ. އަދި އެ ލޯގޯ ރަމްޒުކޮށްދެނީ ދިވެހި ރުކެވެ.

އެކަމަކު އެ ޕާޓީގެ ކުލަތަކުގެ ގޮތުގައި ދެ ކުލައެއް ފާސްކުރިއެވެ. އެއީ ނޫ ކުލަ އާއި މަޑު ފެހި ކުލައެކެވެ. އެ ލޯގޯގައި އޮތީ ތަރިއަކާއި ހުޅެވިހަނދެކެވެ.

މީގެ އިތުރުން ޕީއެންއެފްގެ ދާއިމީ ސެނެޓެއް އެކުލަވައިލެވެންދެން 20 މެންބަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ސެނެޓެއް ހޮވައި، ބައެއް އިސް މަގާމުތަކަށް ވެސް މެންބަރުން ހޮވާފައިވެއެވެ.

އެގޮތުން ޕީއެންއެފްގެ ރައީސްކަމަށް ޒެއިން ހޮވައި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް، އަދި ޚަޒާންދާރަކަށް ޔާމީންގެ ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ ވަނީ ހޮވައިފައެވެ. މި ތިން ބޭފުޅުންގެ އިތުރުން ޕީއެންއެފްގެ ވަގުތީ ސެނެޓުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ހިމެނިވަޑައިގަންނަވައެވެ.

މި ޖަލްސާގައި ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ޔާމީން ބައިވެރިވެވަޑައިނުގަންނަވައެވެ. އެކަމަކު ޖަލްސާ ނިމުނު ފަހުން ރާޅުގަނޑު ސަރަހައްދަށް ޖަމާވެފައި ތިބި އާންމުންނާއި ޕީއެންއެފްގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ޔާމީން ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ.