އީސީ މަންދޫބުންނަށް ސްކޫލަށް ނުވަދެވުމުން, ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ ރާޅުގަނޑު ސަރަހައްދަށް ބަދަލު ކޮށްފިއެވެ.
ޕީއެންއެފް އުފައްދާ ފުރަތަމަ ބާއްވަން މަސައްކަތް ކުރީ ޕްރައިވެޓް ސްކޫލެއް ކަމަށް ވާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު ހޯލުގައެވެ. އެ ޖަލްސާއަށް ސްކޫލު ތައްޔާރު ކުރަމުން ދިޔައީ ސްކޫލު ހިންގާ ކުންފުންޏާއި ޕީއެންއެފް އާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ފައިސާ ދައްކައިގެން ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ. އެހެން ނަމަވެސް މިރޭ އެ ސްކޫލުގައި ބާއްވަން މަސައްކަތް ކުރި ޖަލްސާއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދޭން ސްޓެލްކޯއިން ދެކޮޅު ހެދި ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް އެ ޕާޓީން ޖަނަރޭޓަރުތަކެއް ވެސް މިއަދު ސްކޫލަށް ވެއްދިއެވެ.
މިރޭ 9 ޖަހާއިރަށް ތާވަލު ކުރި ޖަލްސާއަށް ގިނަ އަދަދެއްގެ މެންބަރުން ވާންނަން ދިޔަ އިރު ފުލުހުން ވަނީ ސްކޫލުގެ ގޭޓް ތަޅުލައި އެތެރެއަށް ވަނަ ނުދީ ހިފަހައްޓާފައެވެ. ފުލުހުން ބުނީ, އެކަން އެގޮތަށް ކުރަން ޖެހުނީ ހުއްދަދީފައި ނުވާ އިވެންޓެއް ސްކޫލުގައި ބާއްވާތީ އެކަން ހުއްޓުވައި ދިނުމަށް ސްކޫލުގެ ފަރާތުން އެޑިއުކޭޝަނުގައި އެދުމުން އެ އިވެންޓް ހުއްޓުވައިދޭން އެޑިއުކޭޝަންގެ ފަރާތުން ފުލުހުންގެ ކިބައިގެން އެދުނީމައި ކަމަށެވެ.
ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ފުލުހުން ވަނީ ސްކޫލުގެ ފަރާތުން އެ އިވެންޓް ކެންސަލް ކޮށް ޕީއެންއެފްއިން ދެއްކި ފައިސާ އަނބުރާ ޖަމާކޮށްދޭންވީ އެކައުންޓަކީ ކޮބައިތޯ އަހައި މަލީހަށް މެއިލްއެއް ކޮށްފައެވެ.
ޕީއެންއެފް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރި މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ, ޖަލްސާ ބާއްވަން ތައްޔާރީތައް ވެސް ކުރީ އެއްބަސްވުމާ އެއްގޮތަށް ކަމަށާއި ޖަލްސާ ކުރިއަށް ދާނެ ކަމަށެވެ. އެއާއެކު ޕީއެންއެންފެ 300 އެއްހާ މެންބަރުން ސްކޫލުގެ ހޯލަށް ވަދެ ތިބި ނަމަވެސް ނުވަދެވި ގިނަ ބަޔަކު ސްކޫލުގެ ބޭރުގައި ތިއްބެއެވެ. އެއިއރުވެސް ފުލުހުން ގެންދިޔައީ ސްކޫލުގެ ގޭޓުގައި ފޯރި މަރަމުންނެވެ.
އިތުރަށް މަލީހު ވިދާޅުވީ, ޕާޓީ އުފައްދާ ޖަލްސާކަމުން އިލެކްޝަން ކޮމިޝަން (އީސީ) ގެ މަންދޫޝުން ހާޒިރުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށާއި ޖަލްސާއަށް ހުރަސް އަޅާފައި ވުމުން މަންދޫބުންނަށް ސްކޫލަށް ވަދެވަޑައިގެންނެވޭ ގޮތް ވެފައި ނުވާ ކަމަށެވެ.
ސްކޫލު ހޯލުގައި މެންބަރުން ގިނަ ވަގުތުތަކެއް ހޭދަ ކުރުމަށް ފަހު މަލީހު އިއުލާން ކުރެއްވީ މިރޭގެ ޖަލްސާ ދެން ބާއްވާނީ ރާޅުގަނޑު ސަރަހައްދުގައި ކަމަށާއި އެތާނގައި ޖަލްސާ ބާއްވަން ހުއްދަ ލިބިފައި ވާ ކަމަށެވެ. އަދި އެތަނަށް އީސީގެ މަންދޫބުންނަށް ވެސް ވަޑައިގެންނެވޭނެ ކަމަށާއި އެހެން ކަމުން ރާޅުގަނޑަށް ދިޔުމަށްޓަކައި ހުރިހާ މެންބަރުން ވަނީ ސްކޫލު ހޯލު ދޫކޮށް ނިކުމެފައެވެ.
ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅަން ޖެހުނު މައްސަލައިގައި އެޑިއުކޭޝަނުން ބަހެއް ބުނެފައެއް ނުވެއެވެ.
ސިޔާސީ ޕާޓީތަކުގެ ހަރާކާތްތަކަށް ސްކޫލުތަކުގެ ހޯލުތައް ދޫކުރުމަކީ ހަމަޖެހިފައި އޮންނަ އާންމު އުސޫލެއް ނަމަވެސް ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އަޅަން ޖެހުނު ސަބަބު އަދި ސާފުކޮށް އެނގޭގޮތެއް ނުވެއެވެ.
ޕީއެންއެފް އަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ ހުއްނަވައި އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުالله ޔާމީންގެ ނަމުގައި އުފައްދަމުން ގެންދާ ޕާޓީއެކެވެ. އެ ޕާޓީއަކީ މިހާރު ވެރިކަމުގައި އޮތް ޕީއެންއެފް އާއި ޕީޕީއެމްގެ ތެރޭގައި އުފެދުނު ސިޔާސީ ހިޔާލުތަފާތުވުމުގެ ތެރޭގައި ވަކިވި މެންބަރުން ހިމެނޭ ޕާޓީއެކެވެ.
ފެންނަމުންތިދަނީ ރޔާމީނުގެ މަގުބޫލުކަން ރޔާމީނުގެ އަގުބޮޑުކަން ރޔާމީންގެ މުހިންމުކަން ޔާމީންވަރުގެ ގައުމަށް އަދިވެސް ބޭނުންތެރި ދެވަނަ މީހެއް ނެތްކަނ،ް، އެކަމާ ގަންނާކުރައްވާ ބިރު ހާމަ ވަމުން މިދަނީ.