މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރުކޮށްފައިވާ ފަރާތްތަކަށް ފިތުރު ޒަކާތް ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ތާރީހީ ގޮތުން ބަލާއިރު ރާއްޖޭގައި ފިތުރު ޒަކާތް ބަހަމުން އަންނަނީ އެރަށަކުން ލިބޭ އެއްޗެހި އެރަށެއްގެ ފަގީރުންނަށް ކަމަށެވެ. އަދި އެރަށެއްގައި ފަގީރަކު ނެތް ނަމަ އެންމެ ގާތުގައި އޮތް ފަގީރުން ތިބި ރަށަކަށް ކަމަށެވެ.

އަދި މާލެއަށް ފިތުރު ޒަކާތް ދެއްކި އަދަދު އިތުރުވިކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ، މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް 8000 ރުފިޔާގެ ރޭޓުން ފިތުރު ޒަކާތް ބަހަން ފަށާފައިވާ ކަމަށެވެ. ފައިސާ ޖަމާވާނީ އެމީހާގެ ސީދާ އެކައުންޓަށް ކަމަށާއި އަދި އެކި ސަބަބުތަކާހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތި ކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ވެސް ފިތުރު ޒަކާތުން އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ކުޑަކުދިންގެ ހިޔާއާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށްވެސް ފިތުރު ޒަކާތް ލިބޭނެ ކަމަށް ޒަކާތުގެ ހައުސްގެ ޗެއާމަންކަންވެސް ކުރަމުންދާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

ރޯދަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 4.49 މިލިއަން ރުފިޔާ ފުތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށް ޒަކާތު ހައުސްއިން ވަނީ މީގެ ކުރިން ބުނެފައެވެ.

ފިތިރު ޒަކާތުގެ ގޮތުގައި މި ރަމަޟާން މަހު މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ވަނީ އިއްޔެ ބަހަން ފަށާފައެވެ. އެގޮތުން ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބެހުން ކުރިއަށްދަނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައިކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެއެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބެހުން ކުރިއަށްދާނީ އިއްޔެއާއި މިއަދެވެ. މިއަދު ގޮވާން ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 11އިން ހަވީރު 15:30އަށެވެ. އަދި ރޭގަނޑު 20:30ން 22:30އަށެވެ.

ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިތުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.