ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ 200 މީޓަރަށް ވުރެ ކައިރިން ވެލި ނެގުމާއި ބިން ހިއްކުން އަދި ފަޅު ފުންކުރުން ފަދަ ކަންކަމަށް ހުއްދަ ދެވޭ ގޮތަށް ގަވައިދު ބަދަލުކުރީ 2014 ގައި ކަމަށާއި އިސްލާހު ގެނައީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކަށް އެ ހުއްދަ ދެވޭ ގޮތަށް ހަދަން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނީ ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވައިދަށް ގެނެވުނު 2 ވަނަ އިސްލާހަކުގެ ބޭނުމަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގުމުގެ ހުއްދަ ދެވޭ ގޮތަށް ހެދުންކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކުރުމުން އެކަން ދޮގުކޮށް ނެރުނު ބަޔާނެއްގައެވެ.
އެގޮތުން "ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު" އަށް ގެނައި އިސްލާހަކީ "އެންވަޔަރަންމަންޓަލީ ސެންސިޓިވް އޭރިއާ" އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނަކާ 200 މީޓަރަށް ވުރެ ކައިރިން ވެލި ނެގުމާއި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތަށް ހުއްދަ ދެވޭނީ ވަޒީރުންގެ މަޖިލީހަށް ކަމަށް ކަނޑައަޅާފައި އޮތް އޮތުމުގެ ބަދަލުގައި، ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކަށް އެ ހުއްދަ ދެވޭ ގޮތަށް ހެދުން ކަމަށެވެ. މިނިސްޓްރީން ބުނީ މި އިސްލާހުގެ އިތުރުން އިތުރު އެހެން ކަމެއް ގަވައިދުން މި ފަހަރު ބަދަލު ނުކުރާ ކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން އިތުރަށް ބުނީ އެ އިސްލާހު ގެންނަން ނިންމީ ސަރުކާރު ހިންގުމުގެ އިދާރީ އިންތިޒާމުތައް މިވަގުތު ހަމަޖެހިފައިވާ ގޮތުން މިފަދަ ނިންމުންތައް ނިންމުމަށް "އިކޮނޮމިކް ކައުންސިލް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލެއް އުފައްދަވާފައިވާތީ ކަމަށެވެ.