ޒަކާތު ފަންޑުން ގާޒާއަށް އެއްލައްކަ ޑޮލަރު ހަދިޔާ ކުރަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މިއީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރު ކަމަށާއި މި ފައިސާ ގާޒާއަށް ހަދިޔާ ކުރަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ.
މި ފައިސާ ފޮނުމުވަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންކަމަށް ވާއިރު ފުރަތަމަ މަރުހަލާގައި ފޮނުވަން ނިންމާފައިވަނީ އެއްލައްކަ ޑޮލަރެވެ. މިއީ ގާޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް ކަމަށާއި މި އެހީ ފޮނުވެނީ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެއިތުރުން އެ މިނިސްޓްރީން ބުނީ މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް 8 ހާސް ރުފިޔާގެ ރޭޓުން ފިތުރު ޒަކާތް ބަހަން ފަށާފައި ވާކަމަށާއި ފައިސާ ޖަމާވާނީ އެމީހެއްގެ އެކައުންޓަށް ކަމަށެވެ. އަދި އެކި ސަބަބުތަކާ ގުޅިގެން ޖަލުގައި ބަންދުވެ އަނބި ދަރިންނަށް ނިކަމެތި ކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ އާއިލާތަކަށާއި، ކުޑަކުދިންގެ ހިޔާއާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށް ވެސް ފިތުރު ޒަކާތް ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ތާރީހީ ގޮތުން ބަލާއިރުވެސް ދިވެހިރާއްޖޭގައި ފިތުރު ޒަކާތް ބަހަމުން އަންނަނީ އެރަށަކުން ލިބޭ އެއްޗެހި އެރަށެއްގެ ފަޤީރުންނަށްށެވެ. އަދި އެރަށެއްގައި ފަގީރަކު ނެތް ނަމަ ދެން އެންމެ ގާތުގައި އޮތް ފަގީރުން ތިބި ރަށަކަށެވެ.