އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދުފެނިފައި ނުވާތީ މި އަހަރުގެ ފިތުރު އީދު ދުވަހަކީ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅައިފިއެވެ.

ހަނދު ސާބިތު ކުރުމަށް ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓްރީއިން ބުނީ މިއަދު (ރަމަޟާން މަހުގެ 29 ވަނަ ދުވަހު) އިރު އޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދުފެނުނުކަން ޝަރުއީ ހަމަތަކުގެ މަތިން ސާބިތު ނުވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނިފައި ނުވުމުގެ އިތުރުން އިސްލާމީ އެއްވެސް ގައުމަކަށް މިރޭ ހަނދު ފެން މަތި ނުވާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާތީ މާދަމާއަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށެވެ. އަދި ބުދަ ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށެވެ.

ޝައްވާލު މަހުގެ ހަނދު ފެނިފައިނުވާތީ މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށް ސައުދީ އަރަބީއާއިން ވެސް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން އެ ގައުމަށް ފިތުރު އީދު ދުވަސް ވާނީ ބުދަ ދުވަހަށެވެ.