ކުޑަކުދިންގެ އަދުލާ ބެހޭ ގާނޫނުގައި ޖިނާއީ ކުށަށް ޒިންމާ އުފުލަން ޖެހޭ އުމުރު ފުރާ މިހާރު އޮތްގޮތަށް އޮތުމަކީ ރާއްޖޭގެ މާހައުލުގައި ޖިނާއީ ކުށްތަކަށް އަރައިގަންނަ މިންވަރަށް ބަލާއިރު އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށާއި އެ އުމުރު ފުރާ 12 އަހަރަށް ބަދަލުކުރަންޖެހޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

އއ. ރަސްދޫގައި 2 ކުއްޖަކު ވެގެން ކުޑަކުއްޖަކަށް ހަނގާ ކޮށް އަނިޔާ ކުރި މައްސަލައެއް ރޭ ފެންމަތި ވި މައްސަލައިގައި މިރޭ ސަރުކާރުގެ މިނިސްޓަރުން ހިމެނޭ ކޮމިޓީއަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ, ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެސް ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ދަށް ކޮށްފައި ވާ ކަމަށާއި އެގޮތުން އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި 11 އަހަރު އަދު އިނގިރޭސިވިލާތުގައި 10 އަހަރު ހިމަނާފައި ވާ ކަމަށެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި 12,13 އަދި 14 އަހަރަކީ އެ އުމުރުފުރާކަމަށް ބަލާ ކަމަށާއި ރާއްޖޭގައި ވެސް އެ އުމުރުފުރާ ބަދަލުކުރަން ސަރުކާރުން ވިސްނާ ކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ކަނޑައަޅާފައި ވަނީ 15 އަހަރެވެ.

"މިހާރު ވިސްނުމަކީ ލޯންގްޓާމް ކެއާ ފެސިލިޓީއަކަށް އެފަދަ ކުދިން ނަގާ 18 އަހަރުވަންދެން ސަރުކާރުން ބެލެހެއްޓުން"
އިހުސާން

އޭނާ ވިދާޅުވީ އެފަދަ ފެސިލިޓީއެއްގައި އެފަދަ ކުދިންނަށް ތަރުބިއްޔަތު ދެވޭނެ އިންތިޒާމުތައް ހުންނާނެ ކަމަށާއި ކުޑަކުއްޖަކު އެޓްރިސްކަށް އައިކަން ފާހަގަވާ ހިސާބުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ބަލަހައްޓާނެ ކަމަށެވެ.

ގާނޫނުގައި އެޓްރިސްކަށް އަންނަ ކުދިން ނަގާ އެފަދަ ފެސިލިޓީއެއްގައި ބަހައްޓަން ޖެހޭ ގޮތަށް އޮތަސް މިހާތަނަށް ޑިޓެންޝަން ސެންޓަރެއް ފިޔަފައި ރާއްޖޭގައި އިތުރު ތަނެއް ހަދާފައި ނެތް ކަމަށެވެ.

"ހާފްވޭ ހައުސް އެއް ހއ ހޯރަފުށީގައި ހުއްޓަސް އެތަން އޮޕަރޭޝަނަކަށް ނާދޭ, އެހެންވެ މިހާރު މަސައްކަތް މި ކުރަނީ ހަފްތާއެއްގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެންނަން, ރާއްޖޭގައި 200 އެއްހާ ކުދިން އެބަތިބި އެޓްރިސްކުގަ, އެހެންވީމާ އެ ފެސިލީޓިގެ ޖާގަ އޮތް މިންވަރަކުން ކުދިން ނަގަން ވިސްނުން ހުރީ" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ, ކުށުގެ ވެށިން ނެގޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ މިހާރު ކުރަން ޖެހޭ ކަމަކަށް ވާއިރު ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރަން ގެންނަން ޖެހޭ އިސްލާހުތައް މިހާރު ވާނީ ބަންޑާރަނައިބަށް ހުށަހަޅުމުގެ މަގުމަތީގައި ކަމަށެވެ.

"މި ދެންނެވި 200 ކުދިންގެ ތެރޭގައި ވެސް ގިނައީ 12,13 އަހަރުގެ ކުދިން, އެހެންވީމައި ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު ފުރާ ދަށް ކުރަން ޖެހޭ"
އިހުސާން

އޭނާ އިތުރަށް ވިދާޅުވީ ގާނޫނުގައި އިތުރު ހުރަސްތައް އެބަހުރި ކަމަށާއި އެފަދަ އެއް ކަމަކީ އުމުރުން 17 އަހަރުގައި ކުށެއް ކޮށްގެން 10-12 އަހަރުގެ ހުކުމެއް އެކުއްޖަކަށް އަޔަސް, ބޮޑުމީހެއްގެ އުމުރުފުރާ ފަހަނަ އަޅާ ދިޔަޔަސް އަމަލު ކުރަން ޖެހެނީ އެއީ ކުޑަކުއްޖެގެ ގޮތުގައި ކަމަށެވެ.

އިއްޔެ އއ. ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާ ކުރި މަންޒަރުތައް ފެންނަ ވީޑިއޯ އަކީ އެރަށު މިސްކިތެއްގައި ތަރާވީސް ނަގާދު ކުރަމުން ދިޔަ ވަގުތުގައި އަނިޔާ ލިބުނު ކުއްޖާ ތަރާވީހަށް ހުއްޓާ މިސްކިތުން ބާލުވައި މިސްކިތުގެ ފާހާނާ ހިމެނޭ ބަޔަށް ގެންގޮސް ތަޅާ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެ ކުއްޖާ ރޮއި އަނިޔާ ނުކުރަން އާދޭސް ކުރަމުން ދިޔަ އިރުވެސް އޭނާ އަށް އަނިޔާ ކުރި ދެކުދިން ގެންދިޔައީ ބިރު ދައްކާ, ބްލީ ކޮށް ތަޅާ އަނިޔާ ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން އިހުސާން ވިދާޅުވީ, މައްސަލައިގައި ހިމެނޭ އުމުރުން 13 އަދި 14 އަހަރުގެ 2 ކުދިންގެ ތެރެއިން 1 ކުއްޖަކު, އެކުއްޖާގެ ބެލެނިވެރިންނާއެކު ފުލުސް އޮފީހަށް ހާޒިރު ކޮށްފައި ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިނިސްޓަރުން ހިމެނޭހެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު އެކުލަވާލި ކޮމިޓީގެ ޓީމެއް ރަސްދޫ އާއި މަތިވެރިއަށް ގޮސް މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަން ޖެހޭ ކަންކަން ދެނެގަންފައި ކަމަށެވެ.

މައުލޫމާތު ލިބިފައި ވާ ގޮތުން އަނިޔާ ލިބުނު ކުއްޖަކީ އެއަތޮޅު މަތިވެރި ކުއްޖެކެވެ. އެކުއްޖާގެ މަންމަ އަކީ ރަސްދޫ އަންހެނެކެވެ.