އަނެއްކާވެސް އިތުރު އެހެން ކުއްޖަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ކުޑަ ކުއްޖަކަށް ގަނާ ކުރާ އިތުރު ވީޑިއޯއެއް އާންމުވެފައި ވާއިރު ރޭގެ ވަގުތެއްގައި ވަނީ ދެކުއްޖަކު ވެގެން އެ ދެ ކުދިންނަށް ވުރެ މާ ހަގު ކުޑަ ފިރިހެން ކުއްޖަކަށް ގަނާކޮށް އަނިޔާ ކުރާ ވީޑިއޯއެއްވެސް އާންމުވެފައެވެ. މިއީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އާންމުވި ދެވަނަ ވީޑިއޯއެވެ.

މިރޭ އާންމުވި ވީޑިއޯގައި އަނިޔާކޮށް، ހަނގާކޮށްފައި ވަނީ ރަސްދޫގައި ކަމަށް ބެލެވުނަސް ރަށެއް ޔަގީނެއް ނުވެއެވެ. މިރޭގެ ވީޑިއޯގައި ފެނިގެން ދަނީ ރޭ އއ ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުއްޖަކަށް އަނިޔާ ކުރި ކަމަށް އުމުރުން 13،14 އަހަރުގެ ކުއްޖާއާ އެއްއުމުރުގެ ކުއްޖަކު އެހެން ކުއްޖެއްގެ ގައިގައި ހިފައިގަނެ ބިންމައްޗަށް ނަގާޖަހާ މަންޒަރެވެ. މި ވީޑިއޯ އަކީ ކޮން އިރަކު ރެކޯޑް ކޮށްފައި ވާ ވީޑިއޯ އެއް ކަމެއް އަދި ކޮން އިރެއްގައި ހިނގި ހާދިސާއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ރޭ ސޯޝަލް މީޑިއާގައި ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރުވާން ފެށުމާއެކު ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.

އެގޮތުން ފުލުހުން މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނީ ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ކަމަށާ، އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުން ދާކަމަށެވެ.

މި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށް އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލަމުން އަންނައިރު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ ގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި މިހާރު އެ މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަމަށެވެ.