ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލޭ ސަރަހައްދުގެ ޓްރާސްފާ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކޮށްފިއެވެ.

ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ބަދަލު ގެނެއުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެން ކަމަށެވެ. "މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އާންމު ފަރާތްތަކުން ހިދުމަތުގެ ފީއެއްގޮތުގައި ނަގާނީ ކިލޯއަކަށް 50 ލާރީގެ މަގުން" ވެމްކޯގެ އިއުލާނުގައި ވެއެވެ.

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނިއުކާލުމަށް ފީ އެއްގެ ގޮތުގައި ކިލޯއަކަށް 2.66 ރުފިޔާ ކަމަށް ވެމްކޯއިން ބުނެއެވެ.

ހަމައެހެންމެ މާލެ ސަރަހައްދުން ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއް ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ފީއެއް ނަގަމުންދާނެ ކަމަށްވެސް ވެމްކޯއިން އެ އިދާރާއިން ބުނެފައި ވެއެވެ.

ވެމްކޯ ޓްރާސްފާ ސްޓޭޝަންތަކުން ނަގާ ފީ ކުޑަ ކުރައްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.

ރަމަޟޯން މަހާ ދިމާކޮށް މާލޭގެ މަގުތައް މައްޗަށް ކުނި އަޅާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި އާންމު ތަންތަނުގައި ކުނި ބެހެއްޓުމާ ގުޅިގެން އެކި ފަރާތްތައް ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.