ދިވެހިންގެ އެހީގައި ރޯދަމަހުގެ ފަހުދިހައިގެ ކޮންމެ ދުވަަހަކު ގާޒާއަށް 12،000 އެހީ ޕެކް ފޯރުކޮށްދެމުން އަންނަ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ބުނެފިއެވެ.

އައިއޭސީއިން ބުނީ ގާޒާއަށް ހޫނު ބަތްޕާރުސަލް އަދި އިފްތާރު ބެހުން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން ރޯދަމަސް ފެއްޓުމުގެ ކުރިން ދުވާލަކު 3،000 ޕެކޭޖްގެ މަގުން ބަތްޕާރުސަލް ފޯރުކޮށްދެމުން ދިޔަ ކަމަށް އައިއޭސީއިން ބުނެއެވެ. އަދި ރޯދަމަސް ފެށުމުން 5،000 ޕެކް ދުވާލަކު ފޯރުކޮށްދޭން ފެށުނު ކަމަށް ވެސް އައިއޭސީއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ރޯދަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ފޯރުކޮށްދޭ ޕެކޭޖްގެ އަދަދު އިތުރުކޮށް 12،000އަށް އިތުރުކޮށްފައިވާ ކަން އައިއޭސީއިން ފާހަގަ ކުރެއެވެ. އައިއޭސީއިން މިހާރު ވެސް ދަނީ އިތުރު ކާބޯތަކެތީގެ ޕެކް އަދި 60 ޓަނުގެ ފުށް ގާޒާއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އައިއޭސީއިން ބުނީ ވެވެން އޮތް ގޮތަކުން ގާޒާއަށް އެހީވާނެ ކަމަށާއި މިހާރު އޮތް ދަތި ހާލަތަކުގައި ގާޒާގެ ރައްޔިތުން ދޫކޮށް ނުލާނެ ކަމަށެވެ.

2018 ވަނަ އަހަރުން ފެށިގެން އައިއޭސީން ދަނީ ހުއްޓުމެއް ނެތި ގާޒާގެ ރައްޔިތުންނަށް އެކި އެކި އެހީ ފޯރުކޮށްދެމުންނެވެ. އޮކްޓޯބަރު 7، 2023އިން ފެށިގެން ހުއްޓުމެއްނެތި އިޒްރޭލުން ގާޒާއަށް ހަމަލާދެމުން އައިނަމަވެސް އައިއޭސީއިން ދަނީ ދިވެހިންގެ އެހީ ގާޒާއަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

އައިއޭސީއިން އަންނަނީ ގާޒާގެ އިތުރުން ވެސް އެހީއަށް ބޭނުންވާ ގައުމުތަކަށް އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން ރޯދަ މަހާ ދިމާކޮށް ޔަމަންއަށް 1.6 މިލިއަން ޓަނުގެ ފެން ފޯރުކޮށްދީފައިވާއިރު މިޔަންމާގެ ރާޙީން ސްޓޭޓްގައި ދިރިއުޅެމުންދާ ރޮހިންޖާ ރައްޔިތުންނަށް ވަނީ ކާބޯތަކެތީގެ 300 ޕެކޭޖު ފޯރުކޮށްދީފައެވެ.