ކޮންމެ ދާއިރާއަކުންވެސް މަޖިލީހަށް މެންބަރަކު ހޮވާއިރު ވިސްނާލަން ޖެހޭ މުހިއްމު ކަންތައްތަކެއް އެބަ ހުއްޓެވެ. ދާއިރާތަކުން މެންބަރަކު އިންތިހާބުކުރާ މައިގަނޑު މަގްސަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. އެ މެންބަރަކީ ދާއިރާގެ އަޑު އިއްވަދެވޭނެ ވަރުގެ މެންބަރެއް ހެއްޔެވެ؟ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާއި އަލަށް ވުޖޫދުކުރަން ޖެހޭ ގާނޫނުތަކަށް އެއްބާރުލުން ދޭނެ މެންބަރެއްތޯވެސް ޔަގީންކުރަން ޖެހެއެވެ. އެގޮތުން ބަލާއިރު ނ އަތޮޅު މިލަދޫ، މަގޫދޫ އަދި ހޮޅުދޫ ތަމްސީލު ކުރައްވަން ޕީއެެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ހުންނެވި އަބްދުއް ސައްތާރު މުހައްމަދު ނުވަތަ ސަޓޯ އަކީ މި ހުރިހާ ސުވާލަކަށް ވިސްނާއިރުވެސް އެ ދާއިރާއަށް އެންމެ ގާބިލު ކެންޑިޑޭޓަށް ވާނެ ކަން ޔަގީނެވެ.
ހާސިލްކުރެއްވި ތައުލީމާއި އަދާކުރައްވާފައިވާ މަގާމުތަކަށް ބަލާއިރުވެސް ސަޓޯގެ ގާބިލިއްޔަތުކަން އެނގި ހާމަވާނެއެވެ.
ސަޓޯގެ ތައުލީމީ ގާބިލިއްޔަތު ކަމާއި ތަޖުރިބާ
މިލަދޫއަށް އުފަން ސަޓޯ ފުރަތަމަ ތައުލީމް ހާސިލްކުރެއްވީ އެ ރަށުގެ ހިދާޔަތު ސުކޫލުންނެވެ. އެއަށްފަހު 1984 ވަނަ އަހަރު މާލެ ބަދަލުވެ ވަޒީފާއަށް ވެންނެވުމުގެ މަގްސަދުގައި ވަނީ ޕްރޮގްރެސިވް ކްލާސްތަކަށެވެ. އެ ކްލާސްތައް ނިންމާލިއިރު ހިސާބު ޓީޗަރު ކަމަށާއި ސެކްޓްރީ ކަމުގެ ސަނަދު ސަޓޯ ވަނީ ހާސިލް ކުރައްވާފައެވެ.
އެންމެ ފުރަތަމަ ސަޓޯ ވަޒީފާ އަދާކުރެއްވީ ސްޓެލްކޯގައެވެ. އެއަށްފަހު މިފްކޯގައި މަސައްކަތް ކުރެއްވި ސަޓޯ ވަނީ މާލެ އަތޮޅު ވިލިގިލި ތަރައްގީކުރި ދުވަސްވަރު އާބަން ޑިވެލޮޕްމަންޓް ބޯޑުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އެއަށްފަހު މިލަދޫއަށް އޭނާ ބަދަލުވެވަޑައިގެންނެވީ އެ ރަށުގެ ކަތީބު ކަމަށެވެ. އެއީ ސަޓޯގެ ސިޔާސީ ހަޔާތް ފެށުނު ހިސާބޭވެސް ބުނެވިދާނެއެވެ.
1999 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ ރަށުގެ ކަތީބު ކަމަށް ބަދަލުވެ، ސަޓޯ ވަނީ 7 އަހަރު ދުވަހު އެ މަގާމުގައި ހިދުމަތް ކުރައްވާފައެވެ. އަދި އެ ދުވަސްވަރު، 2002 ވަނަ އަހަރުގައި ސަޓޯ ވަނީ ލެވެލް 4 ގެ މެނޭޖްމަންޓު ކޯހެއްވެސް ފުރިހަމަ ކުރައްވާފައެވެ. ލާމަރުކަޒީ ނިޒާމަށް ދިވެހިރާއްޖޭގެ ނިޒާމް ބައްޓަން ވެގެން އައި ދުވަސްވަރު ސަޓޯ ވަނީ މިލަދޫ ކައުންސިލުގައި ދެ އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ.
އެ މަސައްކަތަށްފަހު މާލެ ބަދަލުވެ، ދެން ސަޓޯ މަސައްކަތްކުރެއްވީ އަހުމަދު އަބްދުﷲ ގެ މިނިސްޓަރު ކަމުގެ ދަށުން އެނާޖީ މިނިސްޓްރީ ހިންގެވި ދުވަސްވަރު އެ މިނިސްޓްރީގައެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓްރާސްޕޯޓް އޮތޯރިޓީގައި މަސައްކަތް ކުރެއްވި ސަޓޯ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ހައުސިން މިނިސްޓްރީގެ ހައުސިން ޑިޕާޓްމަންޓުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އެއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، މާލެ ސިޓީގެ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު ސަޓޯ ވަނީ ސިޓީ ކައުންސިލްގެ ބިއުރޯގައި ލީގަލް އެސިސްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
25 އަހަރު ދިގު މުއްދަތެއްގައި ދައުލަތަށް އެކި ރޮނގުތަކުން ހިދުމަތް ކުރައްވާފައިވާ ސަޓޯ ވަނީ ވަޒީފާގައި އުޅުއްވަމުންވެސް ތައުލީމް ހާސިލް ކުރައްވަމުންނެވެ. އެގޮތުން 2013 ވަނަ އަހަރު ސިންގަޕޫރާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގި ޕަބްލިކް އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓްގެ ޑިޕްލޮމާ ސެޓްފިކެޓް ކޯހެއް ސަޓޯ ވަނީ ފުރިހަމަ ކުރައްވާފައެވެ. އެއަށްފަހު ސަޓޯ ވަނީ ވިލާ ކޮލެޖުން އިސްލާމިކް ޝަރީއާ އެންޑް ލޯ ގެ ޑިގްރީ ކޯހެއް ފުރިހަމަ ކުރައްވާ އެ ބެޗުން 1 ވަނަ ހޯއްދަވާފައެވެ. ޑިގްރީއަށްފަހު ވިލާ ކޮލެޖުން މާސްޓާސް ހާސިލްކުރެއްވި ސަޓޯ، ކޯސް ނިންމާލެއްވީ ޑިސްޓިންގްޝަނާއެކުއެވެ.
ކްރިމިނަލް ލޯއިން ހާއްސަވެފައިވާ ސަޓޯއަކީ މިހާރު "އެލީޓް ލޯ އެސޯސިއޭޓްސް" ލޯ ފާމްގެ މެނޭޖިން ޕާޓްނަރުވެސްމެއެވެ.
ފިކުރަކަށް ބަދަލެއް ނައިސް އެއް ފިކުރެއްގައި!
ރައީސް މައުމޫންގެ ވެރިކަމަށްފަހު ހުރިހާ ވެރިކަމެއްގައިވެސް ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައިވާ ސަޓޯ ދުވަހަކުވެސް ސިޔާސީ މަގާމެއް އަދާކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް އެއިރުންސުރެ ފެށިގެންވެސް ސަޓޯގެ ފިކުރަކީ މިހާރުގެ ސަރުކާރާ އެއްކޮޅު ފިކުރެވެ.
2011 ވަނަ އަހަރުގެ ތެރޭގައި ޕީޕީއެމް އުފެއްދުމުގެ މަސައްކަތްތަކުގައި ވެސް ސަޓޯ ވަނީ އުޅުއްވާފައެވެ. އެގޮތުން ރައީސް މައުމޫން ޕީޕީއެމް އުފެއްދުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ހިމެނޭ 50 މީހުންގެ ތެރޭގައިވެސް ސަޓޯ ހިމެނެއެވެ. އެ ބައްދަލުވުމަކީ ރައީސް ޔާމީނާއި އިލްޔާސް އިބްރާހިމާއި މަރުހޫމް އުމަރު ޒާހިރު ފަދަ ސިޔާސީ ވަރުގަދަ ޝަހުސިއްޔަތުތަކެއް ބައިވެރިވެވަޑައިގެން ބައްދަލުމެއްވެސް މެއެވެ.
ޕީޕީއެމްގެ ފުރަތަމަ ޓްރެޝަރާގެ ގޮތުގައި ވެސް މަސައްކަތްކުރައްވާފައި ވަނީ ސަޓޯއެވެ. އެހެންނަމަވެސް އޭގެފަހުން ވަޒީފާ ބަދަލުވުމާ ގުޅިގެން ޕީޕީއެމްގެ ހަރަކާތްތަކުގައި މާ ގިނައިން އުޅުއްވޭ ގޮތް އޭނާއަށް އޮތީ ނުވެފައެވެ.
ރައީސްގެ މެނިފެސްޓޯއާއެކު ދާއިރާއަށް އުޖާލާކަން ގެނެސްދިނުމުގައި އެހީއަކަށް ސަޓޯ ވާނެ!
ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށްދާ ގޮތުން ސަޓޯއަށް އުންމީދު ބޮޑެވެ. ސަރުކާރު ފަޅިއަށް އެއް ގޮނޑި ނެގުނު ކަމުގައި ވިޔަސް އެއީ ހޮޅުދޫ ގޮނޑިއަށް ވާނެ ކަމުގެ އުންމީދުވެސް ސަޓޯއަށް އެބައޮތެވެ. ކެމްޕެއިނުގައި ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރެވިފައި ވާއިރު ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ފުދުންތެރި ރައްޔިތުން ތަކަކަށް ވުމަށެވެ. އެ މަގު ފަހިކޮށްދިނުމަށެވެ. އެކަމާ ގުޅިގެން ސަޓޯ ވިދާޅުވީ އެ ކަމަކީ ސަރުކާރުން އަދި މަޖިލީހުގެ ތެރެއިންވެސް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާނެ ކަމެއް ކަމަށެވެ.
އޭގެ އިތުރުން އެ ދާއިރާގެ ބައެއް ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފެށި ހުއްޓިފައި ހުރުމަކީ ކަންބޮޑުވުމަކަށް ވާއިރު އެކަންކަން ނިންމައިދިނުމަކީވެސް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށް ސަޓޯ ވިދާޅުވިއެވެ.
ހޮޅުދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި ސަޓޯ އިންތިހާބު ކޮށްފިނަމަ ސަރުކާރުގެ ބަޖެޓުގައި މަޝްރޫތައް ހިމަނައިން ނުނިމި ހުރި މަޝްރޫއުތައްވެސް ނިންމަދެވޭނެ ކަމަށް ސަޓޯ ވިދާޅުވިއެވެ. އެފަދަ ކަންކަމުގައި މެންބަރުންގެ ދައުރަކީ ބަޖެޓު ހަދާއިރު ސަރުކާރުގެ ތެރެއިން އެކަންކަމަށް މަގުތައް ހޯދައިދިނުން ކަން ފާހަގަކުރައްވާ ސަޓޯ ވިދާޅުވީ އެ ދާއިރާގެ ތިން ރަށުގައި މިހާރު ފަށާފައި ހުރި ކަންކަމާ އަލަށް ފަށަން ހުރި ކަންކަމުގެ ބޮޑު ބައެއް ހާސިލު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ސަޓޯގެ މައިގަނޑު މެނިފެސްޓޯއަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯ ކަމަށް ވާއިރު ޒުވާނުންނަށް ހާއްސަކޮށްގެން އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށް އާމްދަނީ ލިބޭނެ ގޮތްތައް ހޯދައިދިނުން ހިމެނެއެވެ. ރައީސްގެ މެނިފެސްޓޯގައި ހޮޅުދޫގެ ބޯހިޔާވަހިކަމުގެ މަޝްރޫއާއި ފެނާއި ނަރުދަމާ މަޝްރޫއާއި މަގުތައް ހެދުމުގެ މަޝްރޫއާއި މޭނާ ސްކޫލް ތަރައްގީ ކުރުމާއި ބަނދަރު ތަރައްގީ ކުރުން ހިމެނެއެވެ. އަދި މަގޫދޫ ސްކޫލް ތަރައްގީ ކުރުމާއި ފެނާއި ނަރުދަމާ އަދި ބަނދަރު މަސައްކަތް ނިންމާ ފުޓްބޯޅަދަނޑު ހެދުމާއި މިލަދޫ ބޯހިޔަވަހިކަމުގެ މަޝްރޫއާއި ސްކޫލްގެ ފެންވަރު ރަނގަޅުކޮށް މަގުތައް ހެދުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން ރައީސްގެ މެނިފެސްޓޯގައި މިލަދޫ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި ކުޅިވަރުކުޅުމުގެ ވަސީލަތައް ގާއިމުކުރުން ހިމެނޭއިރު އެ ހުރިހާ ކަމެއް ހާސިލްކޮށްދިނުމަށް ސަޓޯ ހުރީ ކެރިގެން މަސައްކަތް ކުރަން ތައްޔާރަށެވެ.
ޕެންޝަންގެ ފަރަގު ބޮޑު، އެކަން ހައްލުކުރަން އިސްލާހު ހުށަހަޅާނަން: ސަޓޯ
ސަޓޯ އަކީ ގާނޫނީ ދާއިރާއަށް ފަރިތަ، ދައުލަތުގެ ގިނަ އިދާރާތަކުގެ އޮޅި ގިރާކުރައްވާފައިވާ ބޭފުޅެކެވެ. މަޖިލީހަށް އާ ވިޔަސް، ހުރިހާ ކަމެއްވެސް ދަންނަ މެންބަރަކަށް ވާނެއެވެ. ސަރުކާރުގެ ތަސައްވުރުގައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއްވެސް އެބަހުއްޓެވެ. ސަރުކާރުން ހުށަހަޅާ ބިލުތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ މެންބަރަކަށް ސަޓޯ ވާނެއެވެ.
ރާއްޖޭގައި ހެދިފައިވާ ޕެންޝަންގެ ގާނޫނު އޮންނަ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއީ ގިނަ ބަޔަކަށް ގެއްލުންތަކެއްވެސް ކުރިމަތިވާ ގާނޫނެކެވެ. ސަޓޯ ވިދާޅުވީ މިހާރު އޮތް ޕެންޝަނުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގެ ޕެންޝަނުގައި ފަރަގު ބޮޑު ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް އަމިއްލަ ގޮތުން ގާނޫނެއް ލިޔެގެން ނަމަވެސް އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ސަޓޯ ދެއްވައެވެ.
އެ ބިލް ގިނަ ވެގެން ދެ އަހަރެއްހާ ދުވަސް ތެރޭގައި މަޖިލީހަށް ވައްދާނެ ކަމަށް ވެސް ސަޓޯ ވިދާޅުވިއެވެ.
ޕާޓީ ބަދަލުނުކުރާނެ ކަމަށް ހުވާ ކުރަން ޖެހުނަސް ކުރަން ސަޓޯ ތައްޔާރު
މަޖިލީހަށް އިންތިހާބުވާ 99 ޕަސެންޓަކީ ސިޔާސީ ޕާޓީއަކުން އިންތިހާބުވާ މެންބަރުން ކަމަށްވާއިރު އިންތިހާބުވާ ޕާޓީ ދޫކޮށް އެހެން ޕާޓީތަކަށްދާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. ދާއިރާގެ ރައްޔިތުންގެ އިތުބާރު ގެއްލި، އެހެން ސިޔާސީ ބޭފުޅުންނަށްވެސް އިނގިލި އަމާޒުކުރާ މައްސަލައަކަށް މި މައްސަލަ ވަނީ ވެފައެވެ.
އެކަން ހައްލުކުރުމަށް އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްކޮށްފައި ވާއިރު ސަޓޯ އެ ބިލަށް ފުރިހަމައަށް ތާއީދުކުރައްވައެވެ. އެ ބިލް ރައީސް ޑރ. މުއިއްޒު ތަންފީޒު ކޮށްދެއްވާނެ ކަމަށްވެސް އޭނާ ގަބޫލު ކުރައްވައެވެ.
ސަޓޯ ވިދާޅުވީ ޕާޓީއަކަށް ނިސްބަތްވެގެން ރައްޔިތުންގެ އިތުބާރު ހޯދުމަށްފަހު އިންތިހާބުވުމުން ޕާޓީ ބަދަލުކޮށްގެން ނުވާނެ ކަމަށާއި ހޮޅުދޫ ދާއިރާގެ މެންބަރުކަމަށް އިންތިހާބު ކޮށްފިނަމަ ޕާޓީ ބަދަލު ނުކުރައްވާނެ ކަމަށެވެ. އަދި އެކަން ރައްޔިތުންނަށް ޔަގީންކޮށް ދެއްވުމަށް ހުވާކުރައްވަން ޖެހުނަސް އެކަން ކުރައްވަން ސަޓޯ ތައްޔާރެވެ.
ސަޓޯ ހޮވަންވީ ސަބަބުތައް ގިނަ، ނުހޮވަންވީ ސަބަބެއް ނެތް
އެމްޑީޕީގެ ވެރިކަމެއްގައި މަޖިލީހުގައި ހޮޅުދޫ ތަމްސީލްކުރަން އެ ޕާޓީގެ މެންބަރަކު އިންނެވި ކަމުގައި ވިޔަސް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުރީ ހުއްޓިފައެވެ. އެކަމާ ގުޅިގެން ވަޒީރަކާ ސުވާލެއް ކޮށްލާނެ މީހެއްވެސް ނުވިއެވެ. އަދި ސަރުކާރާ އިދިކޮޅުގައި އޮވެ އެ ޕާޓީގެ މެންބަރަކަށް ދެން ކޮށްދެވޭނީ ކޮންކަމެއްތޯ އެއީ ވިސްނާލުން މުހިއްމު ކަމެކެވެ.
ސަރުކާރު ޖަވާބު ދާރީ ކުރާނެ ކަމުގެ ކާޑު ކުޅެގެން މަޖިލީހަށް އަންނަ އިދިކޮޅު މީހުން ސަރުކާރަށް ޖެއްސުން ކުރާ މަންޒަރަކީ މިއަދަކު އިއްޔެއަކު ފެންނަ މަންޒަރެއް ނޫނެވެ. އެއީ ދިވެހިން އެކަމެއް ދެކި ބާވެފައި ވާ ކަމެކެވެ. އެއާ ގުޅިގެން ހުރިހާ ގެއްލުމެއް ވަނީ ދާއިރާގެ ރައްޔިތުންނަށެވެ. ދައުރު ނިމިގެން ދާއިރު ދާއިރާއަށް ވާ ފައިދާއެއް ފެންނާކަށް ނޯވެއެވެ.
ސަޓޯ ތަފާތެވެ. ޒުވާނުންނާ ގުޅޭ، ފުރިހަމަ މާނާގައި ޒުވާނުނަށް އެއްބާރުލުން ދޭނެ މެންބަރަކަށް ސަޓޯވާނެއެވެ. ސަޓޯ ހޮވައިފިނަމަ ޒުވާނުން ހިންގާ އެކި އެކި ކަންކަމުގައި ސްޕޮންސާ ނުލިބިގެން އުޅެން ނުޖެހޭނެ ކަމަށާއި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ސަޓޯ ވިދާޅުވެއެވެ. އަދި އެންމެ ބޮޑަށް ވަގުތު ދެއްވައިގެން މަސައްކަތް ކުރައްވާނީ އެ ފަދަ ކަންކަމަށް ކަމަށް ވެސް ސަޓޯ ވިދާޅުވިއެވެ.
ސަޓޯއަކީ މަޖިލީހަށް ބޭނުންވާ ފަދަ ދޫ ފަރިތަ ބޭފުޅެކެވެ. ހޮޅުދޫ ދާއިރާގެ އަޑު މެދުނުކެނޑި މަޖިލީހުގައި އިއްވައިދެއްވާނެ މެންބަރެކެވެ. ގާނޫނުގެ ދެލި ގަނޑަށް ފަރިތަ ގެންނަންވީ ބަދަލުތައް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ، ރައްޔިތުންގެ ބަސް އެ މަޖިލީހުގައި އިއްވައި ދެއްވާނެ މެންބަރެކެވެ. ސަޓޯއަށް ވުރެ ވަކި މޮޅު، ރަނގަޅު ޗޮއިސްއެއް އެ ދާއިރާއަކަށް މިފަހަރަކު ނެތެވެ.