މާލޭގެ މަގެއްގައި ކުނިކަހަން އިން އަންހެނެއްގެ ގައިގައި ސައިކަލަކުން ޖައްސައި ދެ މީހަކު ފިލައިފިއެވެ.

މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، ރޭ 11:15 ހާއިރު އިއްޒުއްދީން މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓުގައި އަނިޔާވީ އިއްޒުއްދީން މަގުގައި ކުނިކަހަން އިން އުމުރުން 48 އަހަރުގެ އަންހެނަކަށް ކަމަށާއި، އައިޖީއެމްއެޗްގައި އޭނާ އަށް ފަރުވާ ދެމުން ދާ ކަމަށެވެ.

މި އެކްސިޑެންޓު ހިނގި ވަގުތު ސައިކަލު މަތީގައި ތިބި ދެ މީހުން މަޑުނުކޮށް ފިލާފައިވާ ކަމަށާއި، ސައިކަލާ އެކު އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބެލެވޭ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފަކަށެވެ. ނަމަވެސް ސިޓީ ކައުންސިލުން ފޯނަށް ޖަވާބު ނުދޭތީ އަނިޔާވީ ކައުންސިލުގެ މުވައްޒަފަކަށް ކަން ޔަގީނެއް ނޫނެވެ.

ފުލުހުންގެ މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތަކާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން:

  • މި އަހަރުގެ މިހާތަނަށް އެކްސިޑެންޓުތަކާ ގުޅުންހުރި 856 މައްސަލައެއް ހުށަހެޅިފައިވޭ
  • އެންމެ ގިނައިން އެކްސިޑެންޓުތަކާ ގުޅުންހުރި މައްސަލަތައް ހުށަހެޅުނީ ނިމިދިޔަ މާޗު މަހު
  • އެއީ 298 މައްސަލަ