ޅ. ފެލިވަރުގައި ބަހައްޓާފައި ހުރި ބޮއިލަރެއް ޕްރެޝާ މަތިވުމުގެ ސަބަބުން ގޮވައި އޮޕަރޭޝަންތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ގޮވި ބޮއިލަރަކީ ދަޅުގައި މަސް ބަންދުކޮށް ރާއްޖެ އާއި ބޭރަށް ފޮނުވާ ފެކްޓަރީގައި ދަޅުތައް ކެއްކުމަށް ބޭނުންކުރާ ބޮއިލަރެކެވެ. މިކަމާ ގުޅިގެން ޕްރޮޖެކްޓްސް އެންޑް ޓެކްނިކަލް ޖެނެރަލް މެނޭޖާ، މުއާޒް އަލީ ވިދާޅުވީ ފެލިވަރުގައި ރޭ އެ ހާދިސާ ހިނގީ އެ ތަނުގައި ހުންނަ ތިން ބޮއިލަރުންގެ ތެރެއިން އެކަތި ގޮވައިގެން ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

މީގެއިތުރުން ސަރުކާރުން ދިން 10 ދުވަހުގެ ޗުއްޓީއާއެކު ފެލިވަރުގެ މަސައްކަތްތައް ވާނީ ޑައުންގްރޭޑް ކޮށްފައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ފެކްޓްރީއަށް ގެއްލުން ނުވި ނަމަވެސް ބޮއިލަރުތައް ބަހައްޓާފައި ހުރި ސަރަހައްދަށް ގެއްލުން ލިބިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަން މި ހިނގީ ކޮރޯޑްވެގެން ކަމަށް ބެލެވެނީ. އެއީ އޭގައި މި ބޭނުން ކުރާ ފެން، ތަންކޮޅެއް ސޯލްޓީ ވެގެން ކަމަށް. ބޭނުން ކުރާނީ ހަމަ ޑީސެލިނޭޝަން ފެން. އޭގެ ތެރޭގައި ވެސް ކޮންމެވެސް ވަރަކަށް ލޮނުގެ އަސަރު ހުންނާތީ އޭގައި ދަބަރު ޖަހައިގެން އެ ގޮވީ.
މުއާޒް

މުއާޒް ވިދާޅުވީ އެކަންކަން ބެލުމަށް މިވަގުތު ފެކްޓްރީގެ މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށާއި އިންޖިނިއަރުންގެ ޓީމަކުން މިހާރު އެ ތަން ބަލަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ މަސައްކަތް އަލުން ފެށޭނެ ކަމަށާއި މަސައްކަތް ފަށާނީ އެ ތަނުގައި ހުރި އިތުރު ބޮއިލަރެއް ބޭނުން ކޮށްގެން ކަމަށް މުއާޒް ވިދާޅުވި އެވެ.