ކ. ކަނޑުއޮތްގިރީގައި އޮތް މިފްކޯގެ މަސް ބަންދުކުރާ ކާރުހާނާ ބަންދުކޮށް އެ ކާރުހާނާގެ މަސައްކަތް ވަގުތީގޮތުން ފެލިވަރުގައި ފެށުމަށް ދެ ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ، ކަނޑުއޮތްގިރި އެމްއެންޑީއެފްގެ ބޭނުމަށް ދިނުމަށް ނިންމާފައެވެ. އަދި ކަނޑުއޮތްގިރީގައި މިފްކޯއިން ކުރަމުންދިޔަ މަސައްކަތަށް އެކަށީގެންވާ ބިމެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައެޅުމަށް ނިންމާފައެވެ. އެ ނިންމުމާއި އެއްގޮތަށް ހުޅުމާލެއިން އެކަމަށް އެކަށީގެންވާ ވަރުގެ ބިމެއް ހޯދުމާއި ގުޅޭގޮތުން މިފްކޯއިން ދަނީ އެޗްޑީސީއާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.
މިފްކޯއިން ބުނީ، ކަނޑުއޮތްގިރި ކާރުހާނާ ރީލޮކޭޓް ކުރުމަށް އަދި ހުޅުމާލެއިން ބިމެއް ހަމަނުޖެހޭޭ ކަމަށެވެ. ނަމަވެސް ރަނގަޅު މަޝްވަރާތަކެއް ފިޝަރީޒް މިނިސްޓްރީ ހިމެނޭ ގޮތަށް އެޗްޑީސީއާއެކު ދަނީ ކުރަމުން ކަމަށާއި ހުޅުމާލެއިން ރަނގަޅު ބިމެއް ލިބޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަސް މިފްކޯއިން ބުނެއެވެ.
މިފްކޯއިން އެމްއެންޑީއެފަށް ކަނޑުއޮތްގިރި ހަވާލުކޮށްފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިން މުޅި ފެސިލިޓީ ބަދަލުކުރަން ޖެހެއެވެ. ހުޅުމާލެއިން އަދި ބިން ހަމަނުޖެހޭ އިރު، އެ ކާރުހާނާގެ މަސައްކަތްތައް ފެލިވަރުގައި ވަގުތީގޮތުން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް މިފްކޯއިން ބުނެއެވެ. އެހެންވީމާ އަންނަ މަހުގެ ކުރިން ނުވަތަ މިމަހުގެ ފަހުކޮޅުގެ ތެރޭގައި ފެލިވަރުގައި މަސައްކަތް ފެށޭނެ ކަމަސް މިފްކޯއިން ބުނެއެވެ.
ކަނޑުއޮތްގިރި ރިލޯކޭޝަން މަސައްކަތް ނިމެން ބާކީ 4 ދުވަހަށް ވެފައިވާއިރު، އެ މަސައްކަތުގެ 90 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް މިފްކޯއިން ބުނެއެވެ. މިހާރު ކުރަމުންދާ އެންމެ ފަހުގެ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރަމުން މިފްކޯއިން ބުނީ، ބާކީ ހުރި ޕްރޮޑަކްޝަނަށް ބޭނުންވާ ސާމާނު އެރަށުން ބޭލުމުގެ މަސައްކަތް ކުރާ ކަމަށާއި، އޭގެ ތެރޭގައި ހެވީ ޑިއުޓީ އިކުއިޕްމެންޓް ހިމެނޭތީ ލޭންޑިން ކްރާފްޓާއި ކްރޭން ބޭނުން ކޮށްގެން ކުރިއަށް ގެންދަންޖެހޭ މަސައްކަތަކަށް ވުމުން ލަސްކަމެއް އައިސްދާނެ ކަމަށެވެ.
އަދި މިމަހުގެ 15 ގެ ކުރިން އެތަން ހުސްކުރަން ޖެހޭތީ އިތުރު ކުޑަ މުއްދަތެއް ހޯދުމަށް އެމްއެންޑީއެފް އާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.
ކަނޑުއޮތްގިރި ފެސިލިޓީއަށް ސައުދީ ފަންޑުގެ އިތުރުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކު (އައިއެސްޑީބީ) ގެ ފަންޑުގެ ދަށުން 8 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޕްލޭންކޮށްފައިވާއިރު، އެ އިންވެސްޓްމެންޓް ކުރިއަށް ގެންދަން ހުޅުމާލެއިން ބިމެއް ހަމަޖެހިގެން ދިއުމަކީ ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރަންޖެހިފައިވާ މަސައްކަތެއްކަމަށް މިފްކޯއިން ދެކެއެވެ.