ފެލިވަރުން "އުއްދަނަ" ނަމުގައި ޅ. އަތޮޅު މަދްރަސާތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މަސައްކަތްތެރިކަމަށް ދަރިވަރުން އަހުވެލިކުރުވާ ޕްރޮގްރާމެއް ފަށައިފިއެވެ.

މިފްކޯއިން ބުނީ، މި ޕްރޮގްރާމަކީ އެ އަތޮޅު މަދްރަސާތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން މަސައްކަތްތެރިކަމަށް ޝައުގުވެރި ކުރުމަށާއި، މަސައްކަތް ދަސްކޮށްދީ، މުޖުތަމައުގައި މަސައްކަތްތެރި ބަޔަކަށް ހެދުމަށް ފަށާފައިވާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ވަޒީފާ ހޯދުމަށް މަގުފަހިކޮށްދޭނެ ކަމަށާއި މިއީ ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް މިފްކޯއިން ބުނެއެވެ.

މި ޕްރޮގްރާމުގައި ޅ. އަތޮޅު ހިންނަވަރު އަތޮޅު ތައުލީމީ މަރުކަޒުން 13 ދަރިވަރުން އަދި ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހުން 17 ދަރިވަރުންނާ އެކު ޖުމްލަ 30 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ވެސް ވަނީ އަމިއްލައަށް ކުރިއަށްދާނެ ދާއިރާއެއް އިހުތިޔާރު ކުރުމަށް ފުރުސަތު ދީފައި ކަމަށް މިފްކޯއިން ބުނެއެވެ. އަދި އެ ދަރިވަރަކު އިހުތިޔާރު ކުރި ދާއިރާއިން މަސައްކަތުގެ ފުރިހަމަ މައުލޫމާތު މިފްކޯގެ ކަމާގުޅޭ ޓެކްނިކަލް މުވައްޒަފުންގެ ފަރާތުން ދިނުމާއި، މަސައްކަތުގައި އަމަލީ ގޮތުން ތަޖުރިބާ ހާސިލްކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ލިބޭނެ ކަމަށް މިފްކޯއިން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން މެރިން މެކޭނިކު، އޮޓޯ މެކޭނިކު، ރެފްރިޖެރޭޝަން މެކޭނިކު، ކޭޝިއާ، ޕްރޮޑަކްޝަން، ކޮލިޓީ އެޝުއަރެންސް، ލެބޯޓަރީ ޓެކްނީޝަން، އެޑްމިނިސްޓްރޭޝަން، ހައުންސިން އެންޑް ލޯންޑްރީ، އެގްރިކަލްޗާ އެންޑް ފާމިން ފަދަ ގިނަ ފަންނީ ދާއިރާތަކުން ދަރިވަރުން އަހުލުވެރި ކުރުމަށް ރާވަފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.

ފެލިވަރުގެ އަމާޒަކީ މިޕްރޮގްރާމް ފުޅާކޮށް، މެދު ނުކެނޑި ކުރިއަށް ގެންގޮސް، ސްކޫލުތަކުގެ ދަރިވަރުންނަށް މި ސިނާއަތުގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް އެ ކުންފުިން ބުނެއެވެ.