އިތުރު ދެ ރަށެއްގައި މަސް ފެކްޓްރީ އެޅުމަށް 175 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް އާ ހަވާލުކޮށްފިއެވެ.

މި ޕްރޮޖެކްޓަކީ ޅ. ފެލިވަރު ފެކްޓްރީގެ ކެޕޭސިޓީ ބޮޑުކޮށް އިތުރު ދެ ރަށް ކަމުގައިވާ ދ، މާދެލީ އަދި ގދ. ފިޔޯރީގައި މަސްފެކްޓްރީ އަޅާނެއެވެ. އެގޮތުން މާދެލީގައި 50 ޓަނު އަދި ފިޔޯރީގައި 100 ޓަނުގެ މަސް ޕްރޮސެސް ކުރަން ފެކްޓްރީތައް އަޅާނެ އެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.

މި ޕޮރޮޖެކްޓުގެ ދަށުން ޅ. ފެލިވަރުގައި 100 ޓަނުގެ ފެކްޓްރީއެއް އަޅާއިރު މިކަމަށް 50 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މާދެލީގައި އަޅާ 50 ޓަނުގެ ފެކްޓަރީއަށް 75-100 މިލިއަން ޑޮލަރު ހަރަދުވާއިރު މި ރަށުގައި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި މަސް ބަނދަރެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ފިޔޯރީގައި ހަދާ 100 ޓަނުގެ ފެކްޓްރީ އެޅުމަށް 50-75 މިލިއަން ޑޮލަރު ހަރަދުވާނެއެވެ. މި ރަށުގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.

ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ފިނިކުރި އަދި ގަނޑުކުރި މަސް އެކްސްޕޯޓު ކުރުމުގެ ބަދަލުގައި ރާއްޖޭގައި ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ކަމަށެވެ. އެހެންވެ، މި މަސައްކަތުގެ ސަބަބުން، އާ ސަރުކާރުގެ ކުރީ ކޮޅުގައި މިކަން ހާސިލުވާނެ ކަމަށެވެ.

ރާއްޖޭގައި ބާނާ 128،000 މެޓްރިކް ޓަނުގެ މަހުގެ ތެރެއިން 63،000 މެޓްރިކް ޓަނު ރޯ މަހުގެ ގޮތުގައި މި ބޭރު ކުރަނީ. އެއީ ޕްރޮސެސިން ކެޕޭސިޓީ ސަރުކާރު ހިއްސާވާ މިފްކޯގައި ނެތުމުގެ ސަބަބުން،
މިނިސްޓަރު އަހުމަދު ޝިޔާމް

ޝިޔާމު ވިދާޅުވީ، އަމާޒަކީ 18 މަސް ތެރޭ އެ މަސައްކަތް އެއްކޮށް ނިންމާލައި ފެކްޓްރީތަކުން މަސް ޕްރޮސެސް ކުރުން ކަމަށާއި ރޯމަހުގެ ގޮތުގައި މަސް އެކްސްޕޯޓުކޮށްގެން ގާތްގަނޑަކަށް 91 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު، މަސް ޕްރޮސެސް ކުރުމުން އެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމަށެވެ.