ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭ ހިންގި އެކި އޮޕަރޭޝަންތަކުގައި 16.7 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ ތިން ދުވަހުގެތެރޭ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި 16.7 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެ ތަކެތީގެ މަގުމަތީ އަގު 21.6 މިލިއަން ރުފިޔާ އަށް އަރާ ކަމަށް، އިހުސާން ކުރެއްވި އެ ކުރު ޕޯސްޓުގައިވެއެވެ.

އެކަމަކު ހިންގުނު އޮޕަރޭޝަންތަކުގެ އަދަދާއި، އެ އޮޕަރޭޝަންތަކުގައި ބަޔަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން އިހުސާން ހާމަނުކުރައްވައެވެ. ފުލުހުން ވެސް އަދި ކަސްޓަމުން ވެސް އިތުރު ތަފްސީލު އަދި ހާމަނުކުރެއެވެ.

ފުލުހުންގެ މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 408 މައްސަލައެއް ހުށަހެޅިފައިވެއެވެ. އޭގެ ތެރެއިން މިދިޔަ މަހު އެކަނި ވެސް މަސްތުވާތަކެއްޗާ ގުޅުންހުރި 130 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރެވިފައިވެއެވެ.