ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން މަރާމާތުކޮށް ކުޑަ އީދަށް ހުޅުވަން ނިންމައިފިއެވެ.

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އެންމެ ފުރަތަމަ މަސައްކަތް ކުރީ ފެންއަރުވާ ވަޑާން ރޯދަމަހަށް ނިންމުމަށެވެ.

ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހަލާކުވެ، ވީރާނާ ވަމުންދިޔަ ފެން އަރުވާ ވަޑާން ކުޑަ އީދަށް އަލުން ހުޅުވުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އަދި ފެން އަރުވާ ވަޑާން މަރާމަތު ކުރުމުގެ މަސައްކަތް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފް މީގެ ކުރިން ވިދާޅުވީ، ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން ހަލާކުވެ އެއްކޮށް މަރާމާތުކޮށް ހަދަންޖެހޭ ކަމަށެވެ. ފެން އަރުވާ ވަޑާން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ސީއެސްއާރްގެ ދަށުން އެމްޓީސީސީއިންނެވެ.

އާދަމް ޝަރީފް ވިދާޅުވީ މި މަސައްކަތް އެކީ ނިންމާލެވޭ އިރު، ކުރިއާ އަޅާބަލާ އިރު ފެން އަރުވާ ވަޑާން މާ ފުރިހަމަ ވާނެ ކަމަށެވެ.