ނޭޕާލުގައި ޕޮކާރާގައި ޗައިނާގެ ލޯނުގެ ދަށުން ހެދި އެއާޕޯޓަށް ފައިދާއެއް ނުވާތީ، އެ ލޯނު އެހީއަށް ބަދަލުކޮށްދޭން ޗައިނާގައި އެދިފައި ވާ ކަަމަށް ނޭޕާލުން ބުނެފިއެވެ.

ޖެނުއަރީ 1، 2023 ގައި ހުޅުވި އެއާޕޯޓަށް މާގިނަ ފްލައިޖެއް ނުޖައްސާ ކަމަށާއި އަންނަނީ ދަމަކުން ބަޑިއެއް ޖަހާހެން އަންނަ ޗައިނާގެ ޗާޓަރު ފްލައިޓްތައް ކަމަށް ވިދާޅުވީ ގާނޫނުހަދާ މަޖިލީހުގައި އިދިކޮޅު އެމްޕީން ސަރުކާރަށް ފާޑުކިޔާފައި ވަނިކޮށް ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް ވިދާޅުވީ، އެ ލޯނު އެހީއަކަށް ބަދަލުކޮށްދޭން ޗައިނާގައި އެދިފައި ވާ ކަަމަށެވެ.

އަދި އެ މަޝްވަރާތައް ކުރިއަަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕޮކާރާ އެއާޕޯޓަކީ 1.37 ބިލިއަން ޔުއާން (189 މިލިއަން އެމެރިކާ ޑޮލަރު) އަށް ހެދި އެއާޕޯޓެކެވެ. އެ އަދަދުގެ ތެރެއިން 355 މިލިއަން ޔުއާން (49 މިލިއަން ޑޮލަރު) އަކީ ހިލޭ އެހީއެވެ.

މި އެއާޕޯޓު ހުޅުވި ނަމަވެސް އެކަށީގެންވާ މިންވަރާ ގާތަށް ވެސް އެގައުމަށް ފަތުރުވެރިން ޒިޔާރަތެއް ނުކުރެއެވެ. އެހެން ކަމުން އެއާޕޯޓުން ގެއްލުން ވަމުން ދާ އިރު، ރާއްޖެ ބޮއިކޮޓް ކޮށް ޗުއްޓީއަށް ދާންވީ ލަންކާ އަށާއި ނޭޕާލަށް ކަމަށް ބުނި އިންޑިއާ އަކުންވެސް މާ ގިނަ ބަޔަކު ނޭޕާލަކަށް ނުދެއެވެ. މިއާއެކު އެއާޕޯޓުގެ ފުރިހަމަ ބޭނުން ނުހިފި ގެއްލުން ވަމުން ދާތީ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކާހުރެ ބޮޑުވަޒީރު މީގެ ކުރިން ޗައިނާއަށް ދަތުރެއްވެސް ކުރައްވާފައި ވެއެވެ.

އެ ދަތުރަށް ފަހު ބޮޑުވަޒީރު ވިދާޅުވީ، އިގްތިސޯދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ފޫބެއްދުމަށް ޗައިނާއިން ޗާޓަރު ފްލައިޓުތައް އަންނާނެ ކަމަށެވެ. ނަމަވެސް އިދިކޮޅު މެންބަރުން ބުނަނީ އެ އަންނަ ފްލައިޓެއް އަންނަނީ ދަމަކުން ބަޑިއެއް ޖަހާ އުސޫލުން ކަމަށާއި އެކަމުން ވާ ފައިދާއެއް ނެތް ކަމަށެވެ.