އެމްޑީޕީ ސަރުކާރުން މި ސަރުކާރަށް ވާރުތަވި ލޯންތަކުގެ ތެރެއިން މިހާތަނަށް 871 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ އިންތިހާބީ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ޕީޕީއެމް/ޕީއެންސީ އިން ސިލްސިލާކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހޭދަކުރެއްވީ 494 މިލިއަން ރުފިޔާ ކަމަށާއި ލޯން ރިޕޭމަންޓަށް ދައްކާފައިވަނީ 318 މިލިއަން ކަމަށް ހީނާ ވިދާޅުވިއެވެ.
ނަމަވެސް އެއާ ހިލާފަށް މި ސަރުކާރުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ ހޭދަ ކުރައްވާފައިވާކަން ފާހަގަ ކުރައްވާ ހީނާ ވިދާޅުވީ ވާރުތަވި ލޯން ރިޕޭމަންޓްތަކަށް ރައީސް މުއިއްޒުގެ ސަރުކާރުން މިހާތަނަށް 871 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.
އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވާރުތަވި ލޯންގެ އަދަދު ބޮޑުކަން ފާހަގަ ކުރައްވާ ހީނާ ވިދާޅުވީ މިދިޔަ ސަރުކާރުން ވާރުތަވި ލޯންގެ ގޮތުގައި ދައްކަންޖެހުނީ ކުޑަ އަދަދެއް ކަމަށެވެ. "ވެރިކަމާ ހަވާލުވަޑައިގެންނެވިއިރު ރައީސުލްޖުމްހޫރިއްޔާއަށް ދައްކަވަން ޖެހިވަޑައިގެންފައިވާ ލޯންގެ އަދަދުވެސް ވަރަށް ބޮޑެވެ. އެމަނިކުފާނު މިހާތަނަށް 871 މިލިއަން ރުފިޔާ މި ސަރުކާރަށް ވާރުތަވި ލޯންގެ ތެރެއިން ދައްކަވާ ނިންމަވައިފި. ނަމަވެސް ކުރީ ސަރުކާރަށް ވާރުތަވި ލޯންތަކުގެ ތެރެއިން އެބޭފުޅުން ދައްކަންޖެހުނު އަދަދު ވަރަށް ކުޑަ. އެއީ 318 މިލިއަން ރުފިޔާ." ހީނާ ވިދާޅުވިއެވެ.
އަދި ހަމައެހެންމެ މިދިޔަ ސަރުކާރުން އިންތިހާބާ ދިމާކޮށް މަޝްރޫއުތަށް އިއުލާންކޮށްފައިވަނީ އެއްވެސް ޕްލޭންއެއް ނެތި ކަމަށާއި އެގޮތުން މެޝިނަރީއަށް އަޅާ ތެލަށްވެސް ފައިސާ ނުދައްކާ ކަމަށާއި އެކަމުގެ ސަބަބުން ޕްރޮޖެކްޓު ހުއްޓުމުން އަނެއްކާވެސް ކްރެޑިޓަށް ފައިސާ ނަގައިގެން މަޝްރޫއުތަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފައިސާ ނުދިނުމުގެ ސަބަބުން ކޮންޓްރެކްޓަރު މަސައްކަތް ހުއްޓާލާފައި ދިއުމުން އަނެއްކާ އެހެން ކޮންޓްރެކްޓަރަކަށް މަސައްކަތް ހަވާލުކޮށް އެއްވެސް އުސޫލެއް ނެތި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
އަމީނީ މަގުގެ މަޝްރޫއަކީވެސް އެފަދައިން ހިންގާފައިވާ މަޝްރޫއެއްކަން ފާހަގަ ކުރައްވާ ހީނާ ވިދާޅުވީ އެ މަސައްކަތް އަވަސް ކުރުމަށް 84 މިލިއަން ރުފިޔާއަށް އާރްޑީސީއަށް ހަވާލު ކުރީ އެއަށްވުރެ އަގު ހެޔޮކޮށް ސިޓީ ކައުންސިލުންވެސް އެ މަޝްރޫއު ކުރިއަށް ގެންދެވެން އޮށްވާ ކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރަށް އެ މަސައްކަތް ނުނިންމުނކަން ފާހަގަ ކުރައްވާ ހީނާ ވިދާޅުވީ އަމީނީ މަގުގެ މަޝްރޫއު ނިންމީ މި ސަރުކާރު ވެރިކަމާ ހަވާލުވެ ކުރި މަސައްކަތުން ކަމަށެވެ.
އަދި މިއީ ހަމައެކަނި މި ސަރުކާރުގެ ތުހުމަތުތަކެއް ނޫން ކަމަށާއި ކުރީގެ ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީ ސަރުކާރުން 'ލާޖް ސްކޭލް' އެއްގައި އަކުން ބަކުން ކުޅުއްވާ ކަމަށް ވިދާޅުވެފައި ކަމަށް ހީނާ ވިދާޅުވިއެވެ. އަދި އެއީ ހަގީގަތެއް ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މި ސަރުކާރު އައުމަށްފަހު އެއްވެސް ޕްރޮޖެކްޓެއް ހުއްޓިފައި ނޯންނާނެ ކަމަށާއި އޭގެ ބަދަލުގައި މަޝްރޫއުތަށް ކުރިއަށް ބާރަށް ދާނެ ކަމަށް ހީނާ ވިދާޅުވިއެވެ.