ބައެއް ފަހަރު ދިރިއުޅުމުގައި ދިމާވާ އެކި ކަހަލަ ހާދިސާތަކާ ގުޅިގެން ކިތަންމެ ކުރަން ބޭނުންވާ ކަމެއްވެސް ހުއްޓާލަންޖެހެއެވެ. ޝައުގުވެރިވާ ދާއިރާ އާއި ދުރަށް ދާންޖެހެއެވެ. އެހެންނަމަވެސް މިއީ އެ ހުރިހާ ހުރަސްތަކެއް ގިރާކޮށް މިއަދު އައްޑޫ ސިޓީގައި ފާހަގަކޮށްލެވޭ އެތްލެޓިކްސް ކޯޗު އަލީ ސާޖިދު ނުވަތަ އައްޔަ ކޯޗުގެ ވާހަކައެވެ.
އައްޑޫ ސިޓީ ހިތަދޫ އަށް އުފަން އަލީ ސާޖިދުއަކީ މިހާރު އެ ސިޓީގައި ފާހަގަކޮށްލެވޭ ކުޅިވަރު ޝަހުސިއްޔަތެކެވެ. ފޭދޫ ސްކޫލުގެ ސްޕޯޓްސް ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރާ އައްޔަ އަކީ ވޯލްޑް އެތްލެޓިކްސް ކޯޗެކެވެ. ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު ފުޓްބޯޅަ އާއި އެތްލެޓިކްސް ގައި ބައިވެރިވި ނަމަވެސް އޭރު މިއީ ކުރިއަށް ދެވިދާނެ ދާއިރާއެއްކަމުގައި އައްޔަ ގަބޫލެއް ނުކުރެއެވެ. އަދި އޭރުގެ ހާލަތު އޮތް ގޮތުން އައްޑޫގައި މިކަމަށް މާބޮޑު ފުރުސަތުތަކެއްވެސް ނެތެވެ. އައްޔަ އެންމެ ފުރަތަމަ އެތްލެޓިކްސްއަށް ޝައުގުވެރިކަން އުފެދުނީ ސީއޭއީސީގެ ގްރޭޑް 6 ގައި ކިޔަވަމުން ދިޔަ އިރު އަހްމަދު ޝަރީފް ހުޅުވާލަ ދިން ފުރުސަތާއެކުގައެވެ. އެހެންނަމަވެސް އޭރު ދިމާވި ސިއްހީ މައްސަލަތަކާއެކު އައްޔައަށް އެތްލެޓިކްސް ގައި ކުރިއަށް ދެވެން ނެތުމުން އެހާ ހިސާބުން ހުއްޓާލީއެވެ. "އެތްލެޓިކްސް އާއި ދުރުގައި ހުއްޓާ 2010 ވަނަ އަހަރު މުހިއްބުއްދީންގެ ސްޕޯޓް ސުޕަވައިޒަރު އަލީ ޝަރީފު ދިން ފުރުސަތެއްގަ އަނެއްކާ މި ދާއިރާއަށް ނުކުތީ. އަލީ ޝަރީފް ކޯޗުގެ ޓާގަޓަކަށްވީ އައްޑޫގައި ނެތެމުން ދިޔަ އެތްލެޓިކްސް ކުރިއެރުވުން. ހަގީގަތުގައި ދާއިރާއިން އަލުން މި ފެނުނީ އަލީ ޝަރީފު ދިން ހިތްވަރުގެ ސަބަބުން. މި ފުރުސަތުގައި އަލީ ޝަރީފް ކޯޗުއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ"
އެހާ ހިސާބުން އަލީ ޝަރީފު ކޯޗުގެ އިރުޝާދާއެކު ސިއްހީ ގޮތުން ދިމާވި މައްސަލަތަކާއެކު ހުއްޓާލަންޖެހުނު އެތްލެޓިކްސް އައްޑޫގައި ކުރިއެރުވުމަށް އައްޔަ ނުކުތީ ވަރުގަދަ އަޒުމަކާއެކުގައެވެ. އޭރު ސްކޫލުގައި ތައުލީމު ހާސިލުކުރަމުން ދިޔަ އައްޔަ، އެންމެ ފުރަތަމަ ދަސްކުރީ އެތްލެޓިކްސްގެ ބޭސިކްއެވެ. އަލީ ޝަރީފްގެ އިރުޝާދާއެކު ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ހުނަރާ ތަމްރީނު ފުރިހަމަކުރުމަށްފަހު 2012 ވަނަ އަހަރު އައްޑޫގައި ބޭއްވި އެތްލެޓިކްސް މުބާރާތުގައި އައްޔަ ފެނިގެން ދިޔައީ ކޯޗެއްގެ ގޮތުގައެވެ. އެހާ ހިސާބުން ފެށިގެން ދިޔައީ އައްޔަގެ ހަގީގީ މަސައްކަތެވެ. އެހެންނަމަވެސް އޭރު އެތްލެޓިކްސް ކޯޗިން ސެޓްފިކެޓެއް ނެތުމާ، މި ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިވާ ކުދިން މަދުވުމުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. "އެހެންނަމަވެސް އައްޑޫގައި އެ ވަގުތު ތިބި މަދު އެތްލެޓިކްސް ކޯޗުން ބޭނުންވީ ހުއްޓާނުލާ މަސައްކަތްކުރަން. މިއަދު ފެނިގެން މި ދަނީ އެ ދުވަހު ހުރިހާ އެންމެން ކުރި މަސައްކަތުގެ ނަތީޖާ. މިހާރު އައްޑޫ އެތްލީޓުންނަކީ ރާއްޖޭގެ ނަން ވިދާ އެތްލީޓުން. ރާއްޖޭގެ ރެކޯޑްތައް ހަދާ ކުރިއަށް ދާތަން މި ފެންނަނީ" އައްޔަ ބުންޏެވެ.
ފޭދޫ ސްކޫލުގެ ސްޕޯޓްސް ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އެތްލެޓިކްސް ކޯޗެއްގެ ގޮތުގައި ކުދިން ތަމްރީނުކުރުމަކީ، ހަމަ ޔަގީނުންވެސް ވަރަށް ގިނަ ވަގުތު އެކަމަށް ބޭނުންވާނެ ކަމެއްކަން ޔަގީނެވެ. އެތްލެޓިކްސްގައި އޮންނަނީ ކުދިން ގޮވައިގެން ހަމައެކަނި ޓްރެއިނިންތައް ހެދުން ނޫންކަން ފާހަގަކޮށް އައްޔަ ބުނީ ކޮންމެ އެތްލީޓެއްވެސް ތަމްރީނުކުރަނީ ވަކިވަކި ކަންތައްތަކަށް، އަދި އިވެންޓްތަކަށް ފޯކަސްކޮށްގެން ކަމަށެވެ. އަދި ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ އުމުރާ ގުޅޭ ގޮތަށް ތަމްރީނު ދިނުމަށް ހާއްސަ އިސްކަމެއް ދޭއިރު އައްޔަބުނީ އެހުރިހާ ކަމަކަށްވެސް ޕްލޭންތައް ހަދަންޖެހޭކަމަށެވެ. އެތްލީޓުގެ އުމުރާ އެކަށީގެން ނުވާފަދަ ތަމްރީނުތަކެއް ދެވިއްޖެނަމަ އެންޖަރީވުމާ އަދިވެސް އެފަދަ އެހެން މައްސަލަތައް ކުރިމަތިވާނެކަން ފާހަގަކޮށް އައްޔަ ބުނީ އެތްލީޓުން ތަމްރީނުކުރާއިރު އަބަދުވެސް ކުދިންގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދޭކަމަށެވެ. 'އެތްލީޓް ފަސްޓް' ވިނިން ސެކެންޑް' އަކީ އަބަދުވެސް އައްޔަ ގަބޫލުކުރާ ގޮތެވެ. " ވަރަށް ބޮޑަށް ބަލަން އެންޖަރީއެއް ނުވާ ގަޮތަށް ކުރިއަށް ގެންދަން. އައްޑޫގައި ކުދިންނަށް އެންޖަރީވުމުން ފަރުވާދޭނެ ރަނގަޅު ރިހިބިލިޓޭޝަން ފެސިލިޓީއެއް ނެތުމާ. ސްޕޯޓްސް އެންޖަރީތަކަށް ހާއްސަ ޑޮކްޓަރެއް ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް" އައްޔަ ބުންޏެވެ.
ސްކޫލުގައި މަސައްކަތްކުރާއިރު ތަފާތު އެކި ކުޅިވަރުތަކަށް ކުދިން ތަމްރީނުކުރަންޖެހޭއިރު އެކަމަށް ބޭނުންވާ ޕްލޭންތައް ހެދުމަށްވެސް ގިނަ ވަގުތުތައް ހޭދަވާކަން އައްޔަ ފާހަގަކުރެއެވެ. އެހެންނަމަވެސް ދުވާލުގެ 8 ގަޑިއިރުގެ ޑިއުޓީއަށް ފަހު ހަވީރު އެ ލިބޭ ވަގުތު އައްޔަ ހުސްކޮށްލަނީ އެތްލެޓިކްސްއަށެވެ. "މި ދާއިރާއަށް އުފެދިފައިވާ ލޯތްބެއްގެ ސަބަބުން ހުއްޓާލަން ބޭނުމެއް ނުވޭ. މިހާރު ސްޓޭޑިއަމްއަށް ނުދެވިއްޖެނަމަ ދުވަހުގެ ކޮންމެވެސް ކަމެއް އުނިވާކަމުގެ އިހްސާސެއް ކުރެވެނީ. ބޭނުންވަނީ ބުރަ މަސައްކަތްތަކެއް ކޮށްގެން ވެސް އައްޑޫ އިން ގިނަ އެތްލީޓުންނަށް ކާމިޔާބީ ހޯދައި ދިނުން" އައްޔަ ބުންޏެވެ.
އައްޔައަށް، އެތްލެޓިކްސްގައި ހޭދަވި 11 އަހަރު ގިނަ ކާމިޔާބީތައް ލިބިފައިވާއިރު، އައްޔަ ބުނީ އޭނާގެ ބެލުމުގެ ދަށުން ފޭދޫ ސްކޫލުގެ އެތްލީޓެއް އަންޑާ 13 އިން ފެށިގެން ތަމްރީނުކޮށް، މިދިޔަ އަހަރު ޑިެސެމްބަރު މަހު ގައުމީ އެތްލެޓިކްސް ޓީމުގައި ހިމެނިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އައްޔަގެ އެންމެ ބޮޑު އުއްމީދަކީ އައްޑޫގެ ގިނަ އެތްލީޓުން ގައުމީ ޓީމުގައި ހިމެނިގެން ދިއުމެވެ.
އެތްލެޓިކްސްގެ އިތުރުން ބެޑްމިންޓަންގައި ވެސް ފާހަގަކޮށްލެވޭ އައްޔަ ގަބޫލުކުރާ ގޮތުން އައްޑޫގައި ކުޅިވަރު ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތް ކުރަންޖެހެއެވެ. އައްޑޫގައި ކުޅިވަރު ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ކައުންސިލާ ގުޅިގެން މަސައްކަތްކޮށްފި ނަމަ ހުރިހާ ކުޅިވަރެއްގައި ވެސް އެ ސިޓީއަށް އޮތީ އުޖާލާ މުސްތަގުބަލެއްކަމުގައި އައްޔަ ގަބޫލުކުރެއެވެ. އައްޔަގެ އެންމެ ބޮޑު އުއްމީދަކީ ކުޅިވަރު ދާއިރާ ހާއްސަކޮށް އެތްލެޓިކްސްގައި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވެ އައްޑޫ އެތްލީޓުންނަށް ކާމިޔާބީ ލިބިގެން ދިއުމެވެ.