ސީރިއާގައި ހަރަކާތްތެރިވާ ހިޒުބުއްލޯ ގެ މަގާމުތަކަށް ކަމަށް ބުނެ އިޒްރޭލުން ދެމުން ގެންދާ ހަމަލާ ތަކުގައި ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް އޮފީސް ގޮއްވާލައިފިއެވެ.
މިހަމަލާގައި ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރެޒާ ޒެހްދީ އަވަހާރަވެފައި ވާ އިރު މިހަލާ ކުށްވެރި ކޮށް އީރާނުގެ ހާރިޖީ ވުޒާރާއިން ބުނެފައި ވަނީ, ގާޒާގައި އިޒްރޭލަށް ކުރިމަތިވަމުން ދާ ނާކާމިޔާބީތަކާ ހުރެ ބޮޑުވަޒީރު ބެންޖަމިން ނަތަންތާހޫ "ބޯ ސަކަރާތްވެ ހަމަ ގެއްލިފައި" ވާ ކަމަށެވެ.
އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފު ކަމެއް ކަމަށާއި އެންމެ ހަރުކަށި އިމާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައި ވެއެވެ.
ބްރިގޭޑިއާ ޒެހްދީ އަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ވެރިއަކަށް ވެސް ހުންނެވި ބޭފުޅެކެވެ. އެ ހާދިސާގައި ޒެހްދީ އަވަހާރަ ކޮށްލުމުން ފެތުރި ހަބަރުތަކުގައި އީރާނުގެ ޓީވީން ވަނީ 2008 ގައި ޚާރު ބޮމުގެ ހަމަލާއެއްގައި މަރާލާފައި ވާ ހިޒުބުއްލޯގެ ދެވަނަ އަށް އެންމެ އިސް ކޮމާންޑަރު އިމާދު މުގުނިޔޭ އާއެކު ޒެހްދީ ހުންނަވާ ފޮޓޯ އާންމު ކޮށްފައެވެ.
މިހަމަލާއާ ގުޅިގެން އެމެރިކާގެ ވައިޓްހައުސް އިން ބުނެފައި ވަނީ ހަމަލާ ދިން ކަމުގެ މައުލޫމާތު ރައީސް ޖޯ ބައިޑަން އަށް ލިބިވަޑައިގެންފައި ވާ ކަމަށާއި ޓީމެއް އެކުލަވާލައިގެން އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.
މި ހަމަލާ އާ ގުޅިގެން މަސްރަހު ދިރާސަ ކުރާ ފަރާތްތަކުން ބުނީ މިއީ ހިޒުމުއްލޯ އިން އިޒްރޭލަށް އަމާޒު ކޮށް ދޭ ހަމަލާތަކާ ގުޅިގެން ހިޒުމުއްލޯ ނައްތާލުމުގައި އިޒްރޭލުން ސީރިއަސް ކަން ހާމަ ކޮށްދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިއަށް ވުރެ ވަރުގަދަ ހަމަލާތައް ދޭނެ ކަމަށާއި އޭގެ ތެރޭގައި ސައިބާ ހަމަލާވެސް ހިމެނޭނެ ކަމަށް މުރާސިލުން ބުނެއެވެ.
މިހަމަލާ އާ ގުޅިގެން ރައްދު ދޭނެ ގޮތެއްގެ ވާހަކައެއް އީރާނުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.