ނިމިދިޔަ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތަކުގެ މައްސަލަ ބެލުމަށްޓަކައި ހައުސިން މިނިސްޓްރީ އަށް ލަފާދޭން އުފެއްދި ކޮމިޓީން އެ ކޮމިޓީގެ ކުރީގެ ޗެއާ އަނީސާ އަހްމަދު އިސްތިއުފާދެއްވުމުން، އެ ކޮމިޓީގެ އާ ޗެއާގެ މަގާމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ރައީސް އާމިނަތު އީނާސް ހަމަޖައްސައިފިއެވެ.

ސިއްހީ ސަބަބުތަކާ ހުރެ، ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަނީސާ ގޯއްޗާއި ފްލެޓް ކޮމިޓީން އިސްތިއުފާދެއްވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި އެ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި މިއަދު ބުނީ، ގޯއްޗާއި ފްލެޓްތަކުގެ މައްސަލަތައް ބެލުމަށްޓަކައި މިދިޔަ ފެބްރުއަރީ މަހު އެކުލަވާލި އެ ކޮމިޓީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ތިން މެންބަރަކު އިތުރުކޮށްފައިވާ ކަމަށެވެ. އަދި އަނީސާ އިސްތިއުފާދެއްވުމުން އެ ކޮމިޓީގެ ޗެއާކަމަށް އެހެން ބޭފުޅަކު ވެސް ވަނީ ހަމަޖައްސައިފައެވެ.

އެހެންކަމުން ގޯއްޗާއި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގައި މިހާރު ތިއްބަވަނީ:

  • އާމިނަތު އީނާސް (ކޮމިޓީގެ ޗެއާ)
  • އަބްދުލްއަޒީޒް ޔޫސުފް (ޑެޕިއުޓީ ޗެއާ)
  • އަހްމަދު އަލިމަނިކު
  • މަރިޔަމް ފިޒާނާ ރަޝީދު
  • މުހައްމަދު މައުރޫފް ޖަމީލް
  • ފާތިމަތު ސައީދު
  • އާމިނަތު ޝައީރާ

މި ބޭފުޅުންގެ ތެރެއިން މައުރޫފާއި ފާތިމަތާއި ޝައީރާ މި ކޮމިޓީގެ މެންބަރުކަމަށް ހަމަޖެއްސީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

ފްލެޓްތަކާއި ގޯތި ދޫކުރުމުގެ މަސައްކަތް މިނިވަން ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ ލަފާގެ މަތިން ގެންދާނެ ކަމަށް ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ހާމަކުރެއްވީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކުރީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކުގެ މައްސަލައިގައި ހިންގި ތަހުގީގަށް ފަހު އޭސީސީން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުން:

  • އެ ސްކީމުގެ ދަށުން ހުށަހެޅި 4،048 ފޯމެއް ބަލާފައިވޭ
  • އޭގެ ތެރެއިން ޝަރުތު ހަމަވަނީ 20.7 ޕަސެންޓު ފޯމުތައް
  • 59.6 ޕަސެންޓު ފޯމުތަކުގެ ޝަރުތު ފުރިހަމަނުވޭ
  • 19.7 ޕަސެންޓު ފޯމުތަކުގައި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އެބަހުރި