މައި އިދިކޮޅު އެމްޑީޕީން ބޭނުންވަނީ ގައުމު މިހާރު މި ދާ 'މިސްރާބުން' އެހެން ދިމާލަކަށް ގެންދިއުމަށް ކަމަށާއި، މި ގައުމުގެ ކަންކަން ނިންމާނީ ދިވެހިން، ބޭރުގެ ސަފީރުން ބޭނުންވާ ގޮތަށް ނޫން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މި މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ފަޒީލްގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ރާއްޖޭގެ އިގްތިސޯދު އަނބުރާ ކޮޅަށް ޖެހުމަށް ކަމަށާއި، އެގޮތުން ދައުލަތުގެ 120 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން މިދިޔަ މަހު ދައްކަން ޖެހޭ ލޯނު މިދިޔަ މަހުގެ 19 ވަނަ ދުވަހު ދައްކައި ޚަލާސްކޮށްފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ މުވައްޒަފުންނަށް ގަވައިދުން މުސާރަ ވެސް ދެމުންދާ ކަމަށާއި، ހުއްޓިފައިވާ މަޝްރޫއުތައް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
މި ކަންކަން ކުރުމަށް ސަރުކާރުން ފައިސާ ޗާޕު ނުކުރާ ކަމަށާއި، އެހެންވެ ރާއްޖޭގެ އިގްތިސޯދު ރަނގަޅުވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
"ރަނގަޅު މިސްރާބަށް މި ގެންދަނީ، އެހެންވީމާ މި މިސްރާބުން ދިޔައީމާ ރައްޔިތުން ބާރުވެރި މި ވަނީ، ރައްޔިތުން ފުދުންތެރި ވަނީ، ދިވެހި ގައުމަށް އާރޯކަން އަންނަނީ، ދިވެހި ގައުމުގަ އިންވެސްޓްކުރާނެ އިންވެސްޓަރުންނަށް ފުރުސަތު މި ލިބެނީ،" ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ.
"އެކަން ހަޖަމުނުވަނީ، އެހެންވީމާ އަނެއްކާ ވެސް މިސްރާބުން ކައްސާލެވޭތޯ އެހެން ދިމާލަކަށް ގެންދެވޭތޯ އުޅޭ އުޅުމަކަށް އަޅުގަނޑުމެން ނުވާނެ އިޖާބަ ދީގެނެއް،" އެމްޑީޕީގެ ކެމްޕެއިން ޝިއާރު 'މިސްރާބު ހަމަމަގަށް' އިޝާރާތްކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގައުމުގެ ކަންކަން ނިންމާނީ ދިވެހީން ކަމަށާއި، ބޭރުގެ ގައުމުތަކުގެ ސަފީރުން ބުނާހާ ގޮތަކަށް ނޫން ކަމަށެވެ. މި ވާހަކަފުޅުގައި ރައީސް އެ އިޝާރާތްކުރެއްވީ އަވަށްޓެރި އިންޑިއާ އަށް ކަމަށް ބެލެވެއެވެ.
'ކައިރީގައި ހުންނަ އެމްބަސީގެ އެމްބެސެޑަރު ބުނާހާ' ގޮތަކަށް ގައުމުގެ ކަންކަން ނިންމުމަކީ މިހާރު މާޒީ ކަމަށާއި، ދެން އެ މަގަށް މިސްރާބު ހިފަން ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެ، އިދިކޮޅަށް ރައީސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.