ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރުޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތަތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ މިނިސްޓްރީއިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަށް ފުށް އަދި އާޓާ ފުށުން ކަމަށެވެ. އެގޮތުން ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ މާލެ ސިޓީގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލް ހޯލުގައި ކަމަށާއި ފިތުރު ޒަކާތް ދައްކަވަން ދާއިރު ބޭނުންކުރާނީ އަމީނިއްޔާ ސްކޫލްގެ ލިލީ މަގު ގޭޓު ކަމަށެވެ.
ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ވަނީ ނިންމާފައެވެ.
އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 1 އިން ހަވީރު 4 އަކަށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާއިރު އަންނަ މަހުގެ 9 ވަނަ ދުވަހު ޒަކާތް ބަލައިގަންނާނީ މެންދުރުފަހު 1 އިން އިރުއޮއްސި 6 ޖެހުމުގެ ނިޔަލަށް ކަމަށް މިނިސްޓްރީއިން ބުނެއެވެ.