ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުތައް އަޅާ މިހާރު މުޖުތަމައުތައް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މާލެ ސިޓީ، މއ. ބޯޅަކިންކިރިމާގޭ އާއިޝަތު ޝެރީން، މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖްތަމައަށް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާމެދު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޝެރީން ވަނީ އަމިއްލައަށް ބޭނުންވެގެން ނޫނީ މިހާރު ރިހެބިލިޓޭޝަނަށްވެސް ގެންދެވޭނެ ގޮތެއް ނޯންނަކަމަށާއި، މިކަމުގައި އެތައް ދަރީންނެއް ހަލާކުވެގެން ދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ މެނިފެސްޓޯގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ވަރަށް ބޮޑަށް ސަމާލު ކަން ދެވިފައިވާނެ ކަމަށާއި އެގޮތުން ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރަކީ މި މައްސަލަ އަށް އޮތް އެންމެ ބޮޑު އެއް ހައްލު ކަމަށް ގަބޫލު ކުރައްވާކަމަށެވެ. މީގެއިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ރަނގަޅު ފެންވަރުގެ ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ވަކި ރަށްތަކެއް މިހާރު ކަނޑައަޅާފައި ވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ހިންގާ އެކި ކަހަލަ މަޝްރޫތަކުގައިވެސް މުޖުތަމައަށް އަނބުރާ އާދެވޭނެ ފަދަ ތަމްރީނުތައް މިފަދަ ކުދިންނަށް ދިނުމަށް ހިމަނާފައިވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ އިސްލާމް ދީނުގެ ހަމަތަކުގެ މަތިން ތަމްރީނާ ތަރުބިއްޔަތު ދީ ކުދިން އިސްލާހުކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.