ޑާކްރެއިން އެންޓަޓެއިންމަންޓުން ޝޫޓިން ފަށާފައި އޮތް ފިލްމު "ބިބީ" ގެ ބޮޑު ބައި ޝޫޓިން ނިމިފައިވާ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ބޮޑުބައިގެ ޝޫޓިން މިހާރު ނިމިފައިވާ ކަމަށާއި ބާކީ ގާތްގަނޑަކަށް އޮތް 15 އިންސައްތަ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ކުރިން މި ފިލްމަށް ދިން ނަމަކީ "އަވަ" އެވެ. ނަމަވެސް ފަހުން ފިލްމުގެ ނަން ވަނީ "ބިބީ" އަށް ބަދަލުކޮށްފައެވެ. މި ފިލްމަކީ ޝަހުދާ މަހްމޫދު ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ. އާރްޖޭއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޝަހުދާގެ އަލަތު ފީޗާ ފިލްމުގައި ލީޑު ރޯލު ކުޅެނީ އޭނާގެ ފިރިމީހާ ޝަރަފް އަބްދުﷲ އެވެ. ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ މޫނުކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމީ ދާއިރާގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދި ޝަރަފްގެ އެކްޓިން ވަނީ ބެލުންތެރިން ބަލައިގެންފައެވެ. މި ފިލްމަކީ ހޮރޯ ކޮމެޑީ ޖޯންރާ އަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ. ފިލްމުގައި މަޝްހޫރު ބަތަލާ ޝީލާ ނަޖީބުގެ ރޯލެއްވެސް ހިމެނެއެވެ.

ޑާކްރެއިނުން އޮލިމްޕަހަށް ގެނައި އެންމެ ފަހު ފިލްމަކީ "ފުރޭތަ" އެވެ. އެ ފިލްމަކީ ވެސް އެކްޓަރު ޝަރަފް ލީޑު ރޯލުން ފެނިގެންދިޔަ ފިލްމެކެވެ. އެ ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު ގިނަ ބަޔަކު ބުނީ އެ ފިލްމަކީ މޮޅު ފިލްމެއް ކަމަށެވެ. ފިލްމުގެ ރަވީ ފާރޫގު ގެ މުހިއްމު ރޯލެއްވެސް ހިމެނިފައިވެއެވެ.