އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ 'އައްޑޫ ސިޓީ ބްރިޖުގެ' ސާވޭ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހުޅުދޫ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު މުހައްމަދު ޝާހިދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި ބްރިޖްގެ މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިހާރު ބްރިޖްގެ ސާވޭގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ކުރެވުނު ސާވޭގެ މައްޗަށް ކުރަންޖެހޭ އެކިކަހަލަ ހިސާބުތައް ޖެހުމާއި ފީސިބިލިޓީގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ނިމުމަށްފަހު ބްރިޖްގެ އަމަލީ މަސައްކަތް ކުރުމުގެ މަރުހަލާއަށް ދާނެ ކަމަށެވެ.

ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް، މި އަހަރު ނިމުމުގެ ކުރިން އެ ބްރިޖްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބްރިޖް ނޭޅޭނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ނުލިބޭ ކަމަށް ބުނެ ދައްކާ ވާހަކަ ގަބޫލު ނުކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެ ބްރިޖްއަކީ ހަމައެކަނި 30 ހަކަށް މީހުން ސައިކަލު ދުއްވާލަން އަޅާ ބްރިޖްއެއް ނޫން ކަމަށާއި އެއީ މުޅި އައްޑޫސިޓީގެ ތަރައްގީ އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެތައް ހަރުފަތެއް މައްޗަށް ގެންގޮސްދޭނެ ފާލަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބްރިޖްގެ ސަބަބުން މުޅި އައްޑޫގެ އިތުރުން ދެކުނަށް އެތައް ގުނަ ތަރައްގީއެއް ލިބިގެންދާނެ ކަމަށާއި ބްރިޖް އެޅުމަކީ އެކަމަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމެންޓެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އައްޑޫގައި ގާއިމް އައްސޭރި ޓޫރިޒަމްގެ 6،000 އެނދުގެ މަޝްރޫއު ވެސް ދާދި އަވަހަށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހަމައެކަނި ދައްކާ ވަހަކަތަކަށް ވުމުގެ ބަދަލުގައި އެއާޕޯޓް ތަރައްގީ ކުރުމާއި ސީޕްލޭން ހަބްގެ މަސައްކަތް ހިމެނޭހެން އައްޑޫއަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫމީދު ގުޅާލަދޭ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ސާވޭކުރުމަށް، މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ހިމަނާފައިވާއިރު މިއީ މި ސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ވައުދުވެފައިވާ އެންމެ ބޮޑު މަޝްރޫއެވެ.