އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫމީދޫ ގުޅާލާ ބްރިޖު މަޝްރޫއުގެ ސާވޭ ޑިޒައިން ކުރުމަށް ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކުން ކުރިމަތިލާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަށް ޖަވާބުދެމުން މުއްތަލިބް ވިދާޅުވީ މިއީ ވަރަށް ބޮޑު ހަރަދެއް ހިނގާނެ މަޝްރޫއެއްކަމަށެވެ. އެހެންކަމުން މި މަޝްރޫއުގެ އެސްޓިމޭޓު ހެދުމުގެ ބަދަލުގައި ސާވޭ ޑިޒައިން ކޮށްގެން މަޝްރޫއަށް އަސްލު ބޭނުންވާ ސްކޯޕާއި އަގު ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ބްރިޖު މަޝްރޫއުގެ ސާވޭ ޑިޒައިން ކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ވަރަށް ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށް ދަނީ އިވެލުއޭޝަންގެ މަސައްކަތް ކަމަށެވެ. އަދި އިވެލުއޭޝަންގެ މަސައްކަތް ނިމި ލަސްތަކެއް ނުވެ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ މި ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދާ އެންމެ މުހިއްމު މަޝްރޫއުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދާނީ ބްރިޖާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކުގެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ އާއި އެކަން ކުރިއަށް ގެންދެވޭނެ އެންމެ ފަސޭހަ ގޮތަކީ ކޮބައިތޯ ބެލުމަށްފަހު ކަމަށެވެ.

އައްޑޫ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އާއި ހަވާލުކޮށްގެން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ.