ހިތަދޫ-ހުޅުމީދޫ ގުޅުވާލަދޭ ބްރިޖް މަޝްރޫއަށް ފަންނީ ލަފާދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ބްރިޖް މަޝްރޫއަށް ފަންނީ ލަފާދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރި އެ އިއުލާނަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެދުމުގެ މަތިން ކޮށްފައިވާ އިއުލާނެކެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އީއައިއޯ ހުށަހެޅޭނީ މި މަހުގެ 24 ވަނަ ދުވަހުގެ 1:00 ގެ ކުރިން ކަމަށް އިއުލާނުގައި ވެއެވެ.
އަދި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެބައެއްގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔުންތައް ހުށަހަޅަން ޖެހޭއިރު އެ މަސައްކަތަށް ކުރުމަށް ބަޔަކު ނަގަނީ އެކަމަށް އެދި ހުށަހަޅާ އެންމެންގެ ތެރެއިން ޝޯޓް ލިސްޓު ކުރާ ފަރާތްތަކަށް ފްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދީގެން ކަމަށް ވެއެވެ.
އައްޑޫ ސިޓީގައި ބްރިޖް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު، އެ މަޝްރޫއުގެ ސާވޭ އަދި ޕްލިމިނަރީ ޑިސައިން މަސައްކަތް ހަވާލުކޮށްފައި ވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އާއެވެ.
ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަށް އަޅާ ބްރިޖުގެ ދިގު މިނަކީ އެންމެ މަދުވެގެން 14 ކިލޯ މީޓަރެވެ. ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގު މިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅާލުމަށްޓަކައި އަޅަމުންދާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. އެހެންކަމުން މިއީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ބްރިޖެވެ.
މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް ދަ އަރަބް ކޮންޓްރެކްޓާސް އިން އެ މަސައްކަތް ހިލޭ ކޮށްދޭން ޝައުގުވެރިކަން ވަނީ ފާޅުކޮށްފައިކަމަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.