އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫމީދޫ ގުޅާލާ ބްރިޖު ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކޮންސްޓްރަކްޝަން މިނިސްޓްރީން އަންނަނީ ބްރިޖުގެ ކޮންސެޕްޓް ޑިޒައިން ރިވިއުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫމީދޫ ގުޅާލާ ބްރިޖު ހެދުމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމާއި، ޑިޒައިން ކުރުން އަދި ޓެކްނިކަލް މަސައްކަތް ކުރުމަށްޓަކައި ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗާ ޑިޒައިން ކުރުމުގައި ނަން މަޝްހޫރު ޓީވައިލިން އާ ހަވާލުކޮށްގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން މައިގަނޑު ދެ އޮޕްޝަނެއް ދިރާސާކުރެވިފައިވާކަމަށެވެ.
އެއީ ކޭބަލް ކާރުން ގުޅުވާލުން ނުވަތަ ބްރިޖް ކަނެކްޝަނަކުން ގުޅުވާލުން ކަމަށާއި، މި ދެ އޮޕްޝަންގެ ތެރެއިން އެންމެ އެކަށޭނެ ގޮތް ހޯދުމަށްވެސް ދިރާސާ ކުރެވިފައިވާކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫމީދޫ ގުޅާލަން ބޭނުންވާ ސަބަބުތަކާއި މި ކަނެކްޝަން އާންމުން ބޭނުންކުރާނެ ސަބަބުތަކުގެ އިތުރުން ރޫޓް އެލައިންމެންޓާއި އަގަށް ބެލުމަށްފަހު އެންމެ އެކަށޭނެ ގޮތަކީ ބްރިޖަކުން ގުޅުވާލުން ކަމުގައި ކަނޑައަޅާފައިވާކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި ބްރިޖު އެޅުމުގައި ހަތަރު ކްރޮސިންއެއް ހިމެނިފައިވާކަމަށާއި، މިކަން ކުރުމަށް ޑިޒައިން އެސެސްމެންޓެއްވެސް ހެދިފައިވާކަމަށެވެ. އެގޮތުން މި ކްރޮސިންތަކުގެ ފުންމިނާއި ފުޅާ މިނަށް ބެލުމަށްފަހު ކޮންސަލްޓެންޓް 3 އޮޕްޝަނެއް ދީފައިވާކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ:
- ފްލޯޓިން ބްރިޖް
- ކޮންޓިނިއުއަސް ރިޖިޑް ފްރޭމް ގާޑާ ބްރިޖް
- ކޭބަލް ސްޓޭޑް ބްރިޖް
މީގެއިތުރުން ބްރިޖުގެ ސުޕަ ސްޓްރަކްޗާއާއި، އަދި ސަބްސްޓަރަކްޗާއަށް އެންމެ އެކަށީގެންވާ ޑިޒައިންތައް ދިރާސާކުރަމުންދާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ބްރިޖުގެ ކޮންސެޕްޓް ޑިޒައިން މިހާރު ތައްޔާރުކޮށްފައިވާކަމަށާއި، މިހާރު މިނިސްޓްރީން ދަނީ މި ޑިޒައިން ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އައްޑޫގައި ބްރިޖް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުކެވެ. އެ މަޝްރޫއުގައި ސޮއިކުރީ ރިޔާސީ އިންތިހާބަށް ފަހު އެ މަނިކުފާނު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، 2024 ވަނަ އަހަރުގެ ފެބްރުއަރީ 19 ގައެވެ.
ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމަށް ހަވާލުކުރީ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އެވެ. އެ ސާވޭގެ މަސައްކަތް ވަނީ 2024 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ނިންމާފައެވެ.
