ޕިީޕީއެމްއަށް ދިރުން ލިބޭނެ ގޮތާއި ދިރުން ނުލިބޭނެ ގޮތް އިނގޭނީ އެ ޕާޓީގެ ލީޑަޝިޕަށް ކަމަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުކަންވެސް ކުރައްވަމުން ގެންދާ އަދުރޭ މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ޕާޓީ ހިންގަމުން ދަނީ ވަރަށް ބަދަހިކޮށް ކަމަށާއި ޕީޕީއެމްއަށް ދިރުން ލިބޭނެ ގޮތާ ދިރުން ނުލިބޭނެ ގޮތް އިނގޭނީ ޕީޕީއެމްގެ ލީޑާޝިޕަށް އަދުރޭ ވިދާޅުވިއެވެ." ޕީޕީއެމް/ޕީއެންސީ ހިންގަމުން ދަނީ ވަރަށް ބަދަހި ގުޅުމެއްގެ ތެރެއިން އެކަތި ކަނޑެއްގެ ގޮތުގައި." އަދުރޭގެ ޕޯސްޓުގައި ވެއެވެ.

ދެ ޕާޓީގެ ލީޑަރަކީ ރައީސް ޑރ. މުއިއްޒު ކަމަށާއި މުއިއްޒު ދުވެލީގައި ދެ ޕާޓީ އާއި ގައުމު ދާނީ ކުރިއަށް ކަމަށް އެ ޕޯސްޓުގައި އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް ޔާމީން އަށް ސަޕޯޓު ކުރާ ބައެއް ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ. ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުރުން ޔާމީންގެ އިސް ވަކީލް، ޑރ. މުހައްމަދު ޖަމީލު އަހުމަދުވެސް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން މަލީހު އިއްޔެ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ފަހު ދިހައިގެ އަޅުކަމަށް ސަަރުކާރު ބަންދުކޮށް ދައުލަތުގެ އިސްބޭފުޅުން މަޖިލީހުގެ ކެމްޕެއިނަށް އެކި ރަށްރަށަށް ވަޑައިގަންނަވަމުން ދާ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް އޮޅުވާލުން ކަމަށާއި އޮޑިޓިންގް މިންގަނޑުން ބަލާނަމަ މުސާރަ ހަލާލު ނުވާނެ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅު ވެފައި ވެއެވެ.