މާލެސިޓީގެ މޭޔަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ގުޅިފަޅުގެ ޕޯޓް ބަދަލުކުރަން ކުރީ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާ އެދިވަޑައިގަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވަނީ މާފަންނު ހުޅަނގު ދާއިރާގެ ސަރުކާރުގެ ކެންޑިޑޭޓް އަހްމަދު މުސްތަފާ މުހައްމަދުގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގުޅިފަޅުގައި ހަދާ ޕޯޓް އެތަނުގައި ނަހަދާ ތިލަފުއްޓަށް ބަދަލުކުރުމަށް އެދިވަޑައިގަތް ކަމަށެވެ. އެއީ 30،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ގާއިމު ކޮށްދެވޭނެ ވަރަށް ބިން އުފެއްދުމަށް ގުޅިފަޅުގެ ފުން ސަރަހައްދު ވެސް ހިމެނޭގޮތަށް އެކަން ކުރުމަށް ކައުންސިލް ހިމަނައިގެން އެ ޕްލޭން ހެދުމަށް ދެންނެވި ނަމަވެސް އެކަން އެގޮތަށް އެ ސަރުކާރުން ނުކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު އައިސް އެ ޕޯޓް ތިލަފުއްޓަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އޮތީ ޖާގަ އިތުރުކޮށްފައި، ޕްލޭންގައި ނެތް ފުންކޮށް ސަރަހައްދު ހިއްކާކަށް. އެކަމަކު އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނިން، އަދި 200 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެން ގުޅިފަޅުން މިކުރަނީ. އޮޅުވާލަން މަސައްކަތް ކުރިޔަސް އެކަން ނުކުރެވޭނެ" ރައީސް ވިދާޅުވިއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރަން ނިންމި ނިންމުން ބަދަލުކޮށް ތިލަފުއްޓަށް ބަދަލު ކުރަން ރައީސް ނިންމެވީ ޖެނުއަރީ މަހުއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް އޭރު ނިންމީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެތަން ގުޅިފަޅަށް ބަދަލުކުރަން ނިންމައި، އަހަރަކު 4 ލައްކަ ކޮންޓެއިނަރު ބޭލޭ ވަރުގެ ބަނދަރެއް ތަރައްގީ ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ފަސް ބިލިއަން ރުފިޔާގެ ލޯނެއް ހޯދާފައި ވެއެވެ.

އެގޮތުން ގުޅިފަޅުގައި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތަށްޓަކައި ބިން ހިއްކުމަށް މިދިޔަ ޖުލައި މަހު ހަވާލުކުރީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް އާ އެވެ.