މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެބޭފުޅުންނަށް ވަނީ، މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސްކޮށް ބޭރުކުރުމުގައި ދިމާވާ ހުރިހާ ދަތިތައް ހުށަހެޅުއްވުމުގެ ފުރުސަތުދެއްވާފައެވެ.

އޭގެ ތެރޭގައި މުދާ އުފުލާ ގަޑިއާއި، ވަސީލަތްތަކާއި އިދާރީ ނިޒާމް ހަރުދަނާކުރުމާއި ގުޅޭގޮތުން އެބޭފުޅުން ގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިން ހުށަހެޅުއްވި ކަންކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މާލޭގެ ވިޔަފާރި ބަނދަރުން މިހާރު ދަނީ ކެޕޭސިޓީއަށްވުރެ އިތުރަށް ހިދުމަތް ދެމުންނެވެ. އެގޮތުން މި މައްސަލައަށް ދާއިމިީ ހައްލެއް ހޯދާދިނުމަށް އެމްޕީއެލުން ވަނީ ތިލަފުށީގައި ރާއްޖޭގެ މައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައެވެ. 250 މިލިޔަން ޑޮލަރުގެ މި މަޝްރޫއު ކުރިއަށްގެންދަނީ އެކި ފިޔަވައްސަށް ބަހާލައިގެންނެވެ.

ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުށީގައި ޤާއިމްކުރުމުގެ މަސައްކަތައް ގާތްގަނޑަކަށް 2 އަހަރު ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށާއި، ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކަށް 150 މިލިޔަނެއްހާ ޑޮލަރު ހޭދަވާނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

އަދި ވިޔަފާރި ބަނދަރު ތިލަފުށްޓަށް މުޅިން ބަދަލުކުރުމުގެ މަރުޙަލާތައް 10ވަރަކަށް އަހަރަށް ދެމިގެންދާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.