ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ހާއްސަކޮށް ރަމަޟާންމަހުގައި ގުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިފަދައިން ވިދާޅުވީ މަރްހޫމް އިބްތިހާލްގެ ހަނދާނުގައި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)ގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތް 1445ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިފަދަ މުބާރާތްތަކަކީ ތުއްތުކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައިވެސް މުހިންމު ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި އެކަމަނާ ވަނީ ކެޕްސްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތެއް ކުރިޔަށް ގެންގޮސްފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާފައެވެ.

މި ޖަލްސާގައި މުބާރާތުން 1ވަނަ 2ވަނަ އަދި 3ވަނައަށް ހޮވިފައިވާ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ސާޖިދާއެވެ.

ޖުމްލަ 53 ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތަކީ ވިލިމާލޭގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. އަދި މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ޖުމްލަ ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން އަދި ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފުރުސަތު ހުޅުވާލައިގެންނެވެ.