ފެންބިލާ ކަރަންޓު ބިލުގެ ޖޫރިމަނާ މާފު ކޮށްދޭނީ އޭޕްރީލް 1 އިން ޑިސެމްބަރު 31، 2024ގެ ނިޔަލަށް ޖޫރިމަނާ ވެފައިވާ ބިލްތައް ދައްކާ ހަލާސް ކުރުމުން ކަމަށް އެމްޑަބްލުއެސްސީއިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިލުތައް އެއްފަަހަރާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ބިލްތައް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސްކުރެވޭނެ އިންތިޒާމުވެސް އެ ކުންފުނިން ހަމަޖައްސައިދޭނެކަމަށެވެ. އަދި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާ ހަލާސްކުރުމުންކަމަށްވެސް ވަނީ ބުނެފައެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސއެމްއެސްއެއް ފޮނުވުމުން ނުވަތަ އެކުންފުނީގެ އީމެއިލްއަށް މެއިލް ކުރުމުން ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އެމްޑަބްލިއުއެސްސީ އިން ވަނީ ނުދެއްކި ހުރި ބިލްތައް ގަވައިދުން ދައްކާ ހަލާސްކުރުމަށް އިލްތިމާޒުކޮށްފައެވެ.
ކަރަންޓް އަދި ފެން ބިލު ނުދެއްކިގެން އަރާފައިވާ ޖޫރިމަނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މައާފު ކޮށްދެއްވަން ނިންމަވާފައިވަނީ އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ލުޔެއް ދިނުމުގެ ގޮތުންނެވެ.