ފިތުރު އީދު ދުވަހު ހަވީރު މާލެގައި ވެހިކަލް ދުއްވުން މަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ޖަލްސާގައި ފިތުރު އީދު ދުވަހު ހަވީރު 4:00 ފެށިގެން އިރުއޮއްސި 6:00 އަށް ވެހިކަލް ދުއްވުން މަނާކުރުމަށް ވަނީ ނިންމާފައެވެ.

ކައުންސިލުގެ ޖަލްސާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތައް ބަންދުކުރުމަށް ހުށަހަޅާފައިވަނީ ދިވެހި ބަހާއި ތަރިކަ އާއި ބެހޭ ވުޒާރާއިންކަމަށެވެ. އަދި ފިތުރު ފާހަގަކުރުމުގެ ގޮތުން އެ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

އީދު ދުވަހު ހަވީރު 4:00 އިން ފެށީގެން 6:00 އަށް މާލޭގެ މަގުތަށް ވެހިކަލް ނުދުއްވޭ ގޮތަށް ބަންދުކުރަން ކައުންސިލް 11 މެންބަރުންގެ ތެރެއިން 8 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ކޮންމެ އަހަރެއްގެ އީދު ދުވަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަގުތަކުގައި ފައިމަގުގައި އުޅޭ ވަގުތުތަކެއްގެ ގޮތުގައި ހަމަޖައްސަނީ އީދު ދުވަހުގެ ހަވީރުގެ ވަގުތުތަކަކީ އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ގިނަ އަދަދެއްގެ ބަޔަކު ތަންތަނަށް ދާން ބޭނުންވުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ބޭނުމުގައެވެ.

ކަލަންޑަރުގައި ވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ އެޕްރީލް 10 ވާ ބުދަ ދުވަހެވެ.