ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބިނާކޮށްފައިވާ ފައިސަލް މިސްކިތަކީ ދެކުނު އޭޝިއާގެ އެންމެ ރީތި އެއް މިސްކިތުގެ އިތުރުން ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު މިސްކިތެވެ. މި ރީތި މިސްކިތުގައި ޒަމާނީ ޑިޒައިންތަކެއް އެކުލެވިގެން ވާއިރު، މި މިސްކިތުގެ 260 ފޫޓުގެ އުސް ހަތަރު މުންނާރާ، ސްލޮޕިން ފުރާޅުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
މި މިސްކިތަކީ އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭ މިސްކިތެކެވެ. މި މިސްކިތަށް ނަން ދީފައިވަނީ މި މަޝްރޫއަށް އެހީތެރިވެ ހަރަދު ކުރެއްވި ސައުދީ އަރަބިއްޔާގެ މަރުހޫމް ރަސްގެފާނު ފައިސަލް ބިން އަބްދުލްއަޒީޒްގެ ނަމުގައެވެ. މި މިސްކިތުގެ މަސައްކަތް ފެށުނީ 1966 ވަނަ އަހަރު ސައުދީ ރަސްގެފާނު، ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އިސްލާމްއާބާދުގައި ގައުމީ މިސްކިތެއް އެޅުމަށް ޕާކިސްތާން ސަރުކާރުން ކުރި މަސައްކަތަށް ތާއީދު ކުރެއްވުމުންނެވެ. މި މިސްކިތް ބިނާކުރުމަށް 1969 ވަނަ އަހަރު ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވިއިރު، އެ މުބާރާތުގައި 17 ގައުމެއްގެ އާކިޓެކްޓުން ވަނީ 43 ޕްރޮޕޯސަލް ހުށަހަޅާފައެވެ. މި މިސްކިތް ބިނާކުރުމަށް ކާމިޔާބު ހޯދި ޑިޒައިނަކީ ތުރުކީގެ އާކިޓެކްޓް ވެޑަތު ޑަލޮކޭގެ ޑިޒައިނެކެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ ފައިސަލް މިސްކިތަކީ 1986 އިން ފެށިގެން 1993 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އެންމެ ބޮޑު މިސްކިތެވެ. ފައިސަލް މިސްކިތަކީ ތުރުކީގެ އާކިޓެކްޓް ވެދާތު ޑަލޮކޭގެ ކުޅަދާނަކަމާ މޮޅުކަން ފެނިގެން ދާ މަސައްކަތެކެވެ. އޭނާގެ މި މަޝްރޫއުގެ ސަބަބުން އާކިޓެކްޗާގެ 'އަގާހާން އެވޯޑް' ވެދާތު ޑަލޮކޭ އަށް ވަނީ ލިބިފައެވެ.
މި މިސްކިތުގައި ލައިބްރަރީ އަކާ، ލެކްޗާ ހޯލަކާ މިއުޒިއަމެއްގެ އިތުރުން ކެފޭ އެއް ހުރެއެވެ. މި މިސްކިތުގެ މައި ގޯތިތެރޭގައި އެއް ޒަމާނެއްގައި އޮތީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއެކެވެ. ހުދު މާބަލް އާއި މޮޒައިކް އާއި ޕާކިސްތާނުގެ މަޝްހޫރު ފަންނާނު ސަޑެކުއިންގެ ކެލިގްރަފީ ޒީނަތްތެރިކޮށްފައިވާ މި މިސްކިތުގެ މައި ޓެންޓެއްގެ ބައްޓަމަށް ހަދާފައިވާ ހޯލުގެ އެތެރެ ވަރަށް ފުރިހަމައެވެ.
މި ހޯލުގައި ވެސް ތުރުކީ ސްޓައިލްގެ ރީތި ޗެންޑަލިއާ ވަނީ ހަރުކޮށްފައެވެ. މޮޒައިކް ފަރުމާއިން ޒީނަތްތެރިކޮށްފައިވާ ހުޅަނގު ފާރުގައި ކަލީމަތައް ލިޔެފައިވަނީ ކުރީގެ ކޫފީ އަކުރުންނެވެ. މި މިސްކިތުގެ ގިބްލާ އާއި ދިމާލަށްވާ ފާރު ޒީނަތްތެރި ކޮށްފައި ވަނީ ރީތި ކަޅު އަދި ހުދުކުލައިގެ ކެލިގްރަފިކް ޓައިލްސްތަކުންނެވެ.
މި މިސްކިތުގެ އެތެރޭގައި ތުރުކީ އަދި ޕާކިސްތާނުގެ ޑެކޯރޭޝަންތަކުގެ ނަމޫނާތައް ބޭނުންކޮށްފައިވާއިރު، ޒަމާނީ އަދި ކްލާސިކް އިސްލާމީ އާކިޓެކްޗާ ސްޓައިލްތައް އެއްކޮށްލާފައިވެއެވެ.