ދިރިއުޅުމުގެ މި ހަލަބޮލި ވައްޓަފާޅިއާ ދުރުވެލާ އާއިލާ އާއެކު އުފާވެރި އަދި މަޖާ ވަގުތުތަކެއް ހޭދަކޮށްލުމަކީ އެންމެންގެ ވެސް ފޮނި އުންމީދަކަށްވާއިރު، ބުރަ މަސައްކަތް ކޮށްގެން ލިބޭ ފައިސާ އެއްކޮށްގެން އަހަރަކު އެއްފަހަރު ނަމަވެސް ރަނގަޅު ތަނަކަށް ގޮސްލާ، ޗުއްޓީ ހޭދަކުރުމުން ދަރިންނަށް ވެސް އޭގެ ސަބަބުން ހެޔޮ އަސަރުކުރުވައެވެ.
އެފަދައިން ޗުއްޓީ ހޭދަކުރުމަށް އެކި ތަންތަނަށް ދަތުރު ކުރާއިރުވެސް ގިނަ ދިވެހިން ސަމާލުކަމެއް ދޭ އެއް ކަމަކީ އަހަރުމެންގެ އާންމު ދިރިއުޅުމުގައި އުޅޭއިރު ތަޖުރިބާ ނުކުރެވޭ ފަދަ ކަންކަން ކޮށްލެވޭނެ ފަދަ ރަނގަޅު މަންޒިލެއް ހިޔާރު ކުރުމެވެ. އެހެންކަމުން މިކަމާ ގުޅޭ ހިޔާލު ބައެއް މީހުންގެ ކިބައިން އަހާ އޮޅުން ފިލުވާލީމެވެ.
ގިނަ މީހުން އުންމީދު ކޮށްގެން ތިބީ ސްނޯ ފައިބާ ފަދަ މަންޒިލަކަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ވާނީވެސް އެހެންތާއެވެ. އީކުއޭޓާއާ ކައިރި އިންޑިޔާގެ ކަނޑުގައި އުފެދިފައިވާ ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވިގެންވާ މި ކުޑަ ދިވެހި ރާއްޖޭގައި އެކުލެވެނީ މުޅިންހެންވެސް ހޫނު މޫސުމެވެ. އެހެންކަމުން އެފަދަ ފިނި ތަޖުރިބާއެއް ކޮށްލާ ސްނޯތަކުގެ މަތީ ފެތުރިލާ އާއިލާއާއެކު މަޖާ ކުރުމަކީ ކޮންމެ މީހެއްގެ ވެސް ހުވަފެނަކަށް ވާނެ ކަން ގައިމެވެ.
ނަމަވެސް ސްނޯ ފައިބާ އެފަދަ ގައުމުތަކަކީ ރާއްޖެއާއި ދުރު ގައުމުތަކެއް ކަމުން އެ ގައުމުތަކަށް ދަތުރު ކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. އަދި އާއިލާގެ ގިނަ ބަޔަކާ އެއްކޮށް ދާ ނަމައީ މިފަދަ ހަރަދުތައް ކުރުމަށް އޮންނަނީ ގިނަ ފަހަރަށް ނުކުޅެދިފައެވެ. ނަމަވެސް މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ހިއްސާ މި ކޮށްލަނީ ސްނޯގެ ތަޖުރިބާ ކޮށްލަން ދާން ބޭނުންވާ ފަރާތްތަކަށް ކުޑަ ހަރަދެއްގައި އެފަދަ ގައުމަކަށް ގޮސް ޗުއްޓީ ހޭދަ ކޮށްލާނެ ހާއްސަ ތަނެއްގެ މައުލޫމާތެވެ.
އެގޮތުން އަވަށްޓެރި އިންޑިއާއަކީ އަހަރުމެން އަބަދުމެ ގޮސް އުޅޭ ގައުމެއް ނަމަވެސް އެ ބޮޑު އިންޑިއާގެ ތަފާތު އަވަށްތަކަށް ދަތުރު ކޮށްލިން ހެއްޔެވެ؟ ހިމާޗަލް ޕްރަދޭޝް ސްޓޭޓްގެ ކުއްލޫ ޑިސްޓްރިކްޓްގެ ކުއްލޫ ޓައުން ކައިރީގައި އޮންނަ ރިސޯޓް ޓައުނެއް ކަމަށްވާ މަނާލީ އަކީ މިފަދަ ސްނޯގެ ތަޖުރިބާ ކޮށްލަން ދާން ހަމަ އެއްވަނައިގެ ތަނެކެވެ.
އިންޑިއާގެ ވެރިރަށް ކަމަށްވާ ނިއު ދިއްލީގެ އިރު އުތުރުން 544 ކިލޯމީޓަރު ދުރުގައި އޮންނަ މި އަވަށުގައި 8000 އެއްހާ މީހުން ދިރިއުޅެއެވެ. އުސް ފަރުބަދަތަކާއި ރީތި ހިތްގައިމު ވާދީތައ އެކުލެވޭ މި އަވަށަށް ދާން ރާއްޖެއިން ޑައިރެކްޓް ފްލައިޓެއް ނޯވެއެވެ. އެހެންކަމުން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ދިއުމަށްފަހު ޑޮމެސްޓިކް ފްލައިޓެއްގައި ސްރިގާރު އެއާޕޯޓަށް ދަތުރު ކުރުމަށްފަހު ކާރެއްގައި މަނާލީއަށް ދަތުރު ކުރެވޭނެއެވެ. ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިއްލީއަށް ދިއުމަށް 300-400 ޑޮލަރުގެ ރޭޓެއް އުޅޭއިރު ދިއްލީއިން ސްރިންގާރު އެއާޕޯޓަށް ޑޮމެސްޓިކް ދަތުރަކަށް 50-100 ޑޮލަރުގެ އަގަކަށް ދެވެއެވެ.
ނަމަވެސް އެކި ދުވަސްވަރު ޓިކެޓުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ސްނޯގެ ތަޖުރިބާ ކޮށްލަން މަނާލީއަށް ދާން ބޭނުންނަމަ އެންމެ ރަނގަޅު ދުވަސްވަރަކީ އޮކްޓޯބަރު މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށެވެ. އެއީ އެ އަވަށަށް އެންމެ ފިނި ދުވަސްވަރު ވެސް މެއެވެ. އެކި ފަންތީގެ ހޮޓަލުތައް ހުންނައިރު 35-300 ޑޮލަރުގެ ރޭޓުގެ ހޮޓަލްތައް އިހްތިޔާރު ކުރެވެއެވެ. ދެން ކިޔުންތެރިންނަށް މި ގެނެސްދެނީ މަނާލީގައި ހޭދަ ކުރާ ދުވަސް ވަރު ތަފާތު އަދި މަޖާ ކަންކަން ކޮށްލުމަށް ދާނެ ތަންތަނުގެ ތަފްސީލެވެ.
ފަރުބަދަ ތަކާއި ވާދީގެ ހިތްގައިމުކަން ތަޖުރިބާ ކޮށްލުމަށް - ކުއްލޫ
ކުއްލޫ އަކީ ޑިއޯޑާ އާއި ޕައިން ގަސްތަކުން ފުރިފައިވާ ރީތި ފަރުބަދަތަކަށް ފަތުރުވެރިން ޒިޔާރަތް ކުރާ އެންމެ މަގުބޫލު އެއް މަންޒިލެވެ. ބިޔަސް ކޯރުގެ އައްސޭރިފަށުގައި އޮންނަ މިތަނަކީ ހަލަބޮލި ދިރިއުޅުމުން ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދަން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު ތަނެކެވެ.
ކުއްލޫއަށް އަންނައިރު، ބިޔަސް ކޯރުގެ އެ ހަމަހިމޭން އަޑާއި، ހިމަތޮށިން ފޮރުވިފައިވާ ފަރުބަދަތަކުގެ ހައިރާންކުރުވަނިވި މަންޒަރުތަކާއި، ފެހިކަމާއި، ވާދީގެ ރީތިކަން ފެނުމުން، ހިތަށް ލިބޭ ހަމަޖެހުން ބުނެދޭންވެސް ނޭނގޭހާ ހިތްގައިމެވެ. މިއީ ގުދުރަތީ ރީތިކަމަށް ލޯބި ކުރާ މީހުންނަށް ހަމަ އެއްވަނައިގެ ތަނެކެވެ.
އެޑްވެންޗަރަސް ވަގުތުކޮޅެއް ހޭދަކޮށްލަން ގޮސްލަންވީ 'ސޮލަންގް ވެލީ' އަށް
8،500 ފޫޓުގެ ބޮޑު ޖަންގައްޔަކުން ފުރިފައިވާ މި ސަރަހައްދަކީ ފިނި މޫސުމުގައި ސްނޯގެ ހުދު ކުލައިން ޖަރީވެފައިވާ ތަނެކެވެ. އެކި އެޑްވެންޗަރަސް ކަންކަން ތަޖުރިބާ ކޮށްލަން ބޭނުންވާ މީހުންނަށް މިއީ ހިތްގައިމު މަންޒިލަކަށް ވާނެއެވެ.
އެގޮތުން ސްކީއިން، ޕެރަގްލައިޑިން، ހޯސް ރައިޑިން، މައުންޓަން ބައިކިން ފަދަ ތަޖުރިބާތައް މި ސަރަހައްދުން ކުރެވޭނެއެވެ. އަދި ކޭބަލް ކާރު ދުއްވުން ފަދަ ކަންކަން ކުރުމުގެ ފުރުސަތު އެތަނުގައި ވެއެވެ. އެފަދަ ތަޖުރިބާއަކަށްފަހު ވަރުބަލި ފިލުވާލާ ވަގުތު ހޭދަކޮށްލަން ބޭނުންނަމަ އެކި މޮޓަލްސްތައް ވެސް މި ސަރަހައްދުގައި އެކުލެވިގެންވެއެވެ. އެ މޮޓަލްތަކުގައި ރޭ ކޮށްލާ ބާބަކިއު ފަދަ ތަފާތު ކަންކަން ކޮށްލެވޭ އިންތިޒާމުތައް އެތާ ހަމަޖައްސާފައި ވެއެވެ.
ކުދިވެރިން ގޮވައިގެން ވޯޓާ ފޯލް (ފެންއާރު) ތަޖުރިބާވެސް ކޮށްލެވޭނެ
ފެންއާރު ބަލަން ލޯބިކުރާ ނަމަ، ޖޮގިނީ ވޯޓާފޯލްސް އަކީ އެކަމަށް އޮންނާނެ އެންމެ ރަނގަޅު ޗޮއިސްއެވެ. 150 މީޓަރު އުސްމިނުގެ މި ފެން އާރުން ފައިބާ ފެނުން އުފެދޭ ފެން ކޯރަށް އެރިލާ އާއިލާ އަދި ކުދިވެރިންނާއެކު ނުވަތަ ރައްޓެހިންނާއެކު ވެސް މަޖާ ވަގުތުތަކެއް ހޭދަކޮށްލުމަކީ ޗުއްޓީ އިތުރަށް ފުރިހަމަ ވެގެންދާނެ ކަމެކެވެ.
ޖޮގިނީ ވޯޓާ ފޯލްގެ އިތުރުން ވެސް ރަހަލާ ވޯޓާ ފޯލް މަނާލީގައި ހިމެނެއެވެ. މިއީ ޖޮގިނީ ވޯޓާ ފޯލް އަށް ވުރެ އެތައް ގުނައެއް ދިގު ފެންއާރެކެވެ. އެގޮތުން ރަހަލާ ފެން އާރުގައި 2،501 މީޓަރު އެކުލެވޭއިރު މިއީވެސް ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.
އެކި ޖަނަވާރުތައް ބަލާލައި ހިތް އުފާ ކޮށްލުމަށް 'ވޭން ވިހާރު ޕާކް'
ވެން ވިހާރު ޕާކަކީ މަނާލީގެ މޯލް މަގުގައި ހުންނަ ޓިބެޓް މާރުކޭޓު ކުރިމަތީގައި ހުންނަ މުނިސިޕަލް ބަގީޗާއެކެވެ. މިތަނުން ތަފާތު ވައްތަރުގެ ޖަނަވާރު ފެންނައިރު މިއީ މަނަލީގައި ދަތުރު ގޮސްލާ، ލޯބިވާ މީހުންނާއެކު ހަމަޖެހިލައިގެން އުޅެން ވަރަށް ރަނގަޅު ތަނެކެވެ.
ޑިއޯޑާ ގަސްތަކުން ރީތިކޮށް ޒީނަތްތެރިކޮށްފައިވާ މިތަނަކީ ތާޒާ ވައިރޯޅިއެއް ލިބި، ނާރުތަކަށް ލުޔެއް ލިބޭ ތަނެކެވެ. މި ޕާކަށް ޒިޔާރަތްކުރަން އެންމެ ރަނގަޅު ވަގުތަކީ ހަވީރުގެ ވަގުތެވެ. އެޕާކުގެ ފުރަގަުގައިވާ އުސް ފަރުބަދަތަކާ ދެކޮޅަށް އިރުއޮއްސޭ މަންޒަރެއް ފެންނާނެއެވެ. އަދި ޕާކު ކައިރީގައި ބިޔަސް ކޯރު ހިނގަމުންދާތަން ވެސް ފެނެ އެވެ.
ގުދުރަތުގެ އަޖައިބުން ފުރިގެންވާ 'ގުލާބާ'
ގުލާބާ އަކީ މަނާލީގެ މަޝްހޫރު އެއް މަންޒިލެވެ. ނޮވެމްބަރު މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް މިތަނަކީ ސްނޯއިން ފުރިފައިވާ ތަނެކެވެ. ސްކީއިން އާއި ޕެރެގްލައިޑިން ފަދަ އެޑްވެންޗާ އެކްޓިވިޓީތައް ރައްޓެހިންނާ އެކު މި ތަނުގައި ތަޖުރިބާ ކުރެވިދާނެއެވެ. އަދި އާއިލާ އާއެކު ސްނޯ ކުޅެލާ ހިތްގައިމު ފޮޓޯ ނަގާލަން ވެސް މިއީ ވަރަށް ރަނގަޅު ތަނެކެވެ.
މި ލިޔުމުގައި މި ހިމަނާލީ މަނާލީގެ ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ ތަންތަނެވެ. ނަމަވެސް މި ނޫނަސްވެސް އެތައް އެތައް ހިތްގައިމު ތަންތަން މަނާލީގައި ހުންނައިރު އެފަދަ ތަންތަނުގެ ރީތިކަން ބަލާލުމަށް މިފަހަރު ސްކޫލް ބަންދުގައި މި ތަންތަނަށް ގޮސްލަބަލާށެވެ. ހަމަގައިމުވެސް ހިތަށް އުފާވެރިކަން ގެނެސްދީ ސިކުނޑިއަށް ލުއި ކަމެއް ލިބޭނެއެވެ.
މިއީ މަނާލީގެ ކުޑަ ހުލާސާއެއް ނަމަވެސް އެ ސަރަހައްދަށް ގޮސް ތަޖުރިބާ ކޮށްލުމުން އެއީ ކިހާ ހިތްގައިމު ތަނެއްކަން އެނގޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ޗުއްޓީ ގައި އެހެން ގައުމަކަށް ދާން ޕްލޭން ކުރާނަމަ އިންޑިއާގެ މަނާލީއަކީ އެންމެ ރަނގަޅު ތަން ކަން ކަށަވަރެވެ.