ޕާކިސްތާންގައި ޗައިނާއިން ކުރިއަށް ގެންދާ އެންމެ ބިޔަ މަޝްރޫއުގެ މަސައްކަތުގައި އުޅުނު ޗައިނާގެ ބަޔަކަށް އަމާޒުކޮށް ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ޖުމްލަ 6 މީހަކު މަރުވެއްޖެއެވެ.

އޭގެ ތެރެއިން 5 މީހުންނަކީ ޗައިނާގެ 5 މީހުންނެވެ. ދެން މަރުވީ އެމީހުން އަރުވައިގެން ދަތުރުކުރި އުޅަނދުގެ ޕާކިސްތާން ޑްރައިވަރެކެވެ.

ޖާނުންފިދާވުމުގެ މިހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާ އިރު މި ހަމަލާ ދީފައި މިވަނީ ޗައިނާ މީހުން މަސައްކަތް ކުރާ ބަލޯޗިސްތާންގެ ބަނދަރަކަށް ބަޑިހިފައިގެން ތިބި ބަޔަކު ވަދެ ދިން ހަމަލާ ތަކެއްގައި 8 މީހުން މަރުވިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

ޗައިނާގެ ގިނަ އަދަދެއްގެ މަސައްކަތު މީހުން އުޅޭ ބަލޯޗިސްތާންގެ ގްވާދާރު ޕޯޓު ކޮމްޕްލެކްސް އަށް ވަދެގަތުމަށް ހަތިޔާރު އެޅި މީހުން މަސައްކަތް ކުރި ކަމަށާއި 2 ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ ބަޑިގެ ހަމަލާތަކުގައި ހަމަލާގައި ބައިވެރިވި ބީއެލްއޭގެ 8 މީހުން މަރާލެވިފައި ވާ ކަމަށް އޮފިޝަލުން ބުނެއެވެ.

މީގެ ކުރިންވެސް މި ސަރަހައްދުގައި ޗައިނާގެ މަސައްކަތްތެރިންނަށް އަމާޒު ކޮށް ޓްރަރިސްޓް ހަމަލާ ދީފައި ވެއެވެ. އެގޮތުން މީގެ 3 އަހަރު ކުރިން ބަހަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 13 މީހަކު މަރުވިއެވެ.

މިފަދަ ބައެއް ހަމަލާތަކުގެ ޒިންމާ ހަތިޔާރު އެޅި ބައެއް ޖަމާއަތްތަކުން އުފުލާފައި ވާ އިރު އެފަދަ ބައެއް ޖަމާއަތްތަކުން ނެރެފައިވާ ބަޔާންތަކުގައި ބުނެފައި ވަނީ, ބަލޯޗިސްތާންގައި ޗައިނާއިން ކުރިއަށް ގެންދާ މަޝްރޫއު ހުއްޓުވާނެ ކަމަށެވެ. އެ ސަރަހައްދަކީ ޕާކިސްތާންގެ ސަރުކާރާ ވަކިވެ ގަތުމަށް ހަނގުރާމަ ކުރާ ޖަމާއަތްތައް ހިމެނޭ ސަރަހައްދެކެވެ.

އެންމެ ފަހުން ދިން މިހަމަލާ އާ ގުޅިގެން ތަހީގު ފަށާފައި ވާ އިރު ޗައިނާ އާއި ޕާކިސްތާންގެ އޮފިޝަލުން ބުނެފައި ވަނީ ދެގައުމު ގުޅިގެން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.