އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފުލުހަށް ހާޒިރު ކުރުމަކީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއްގެ ގޮތުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސިފަކުރައްވައިފިއެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ބަލަމުންދާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ފައްޔާޒް ފުލުހުންގެ އިދާރާއަށް މާދަމާ މެންދުރުފަހު 3:00ގައި ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މިއީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ކަމަށް ސިފަ ކުރައްވާ ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ނުލިބުމުގެ ބިރު ސަރުކާރަށް އެބައޮތް ކަމަށެވެ.

އިދިކޮޅު ލީޑަރުންނާއި މެންބަރުންނަށް ސިޔާސީ ގޮތުން ފުރައްސާރަކުރުމާއި ބިރުދެއްކުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ ބިރުވެރިކަމާއި ބަދަލު ހިފުމާއި ބިރުދެއްކުމުން އެއްކިބާވެފައިވާ މާހައުލެއްގައި ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން އެމްޑީޕީ ބަލި ނުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ މަސައްކަތްތައް މަޑުޖެހިގެން ނުދާނެ ކަމަށާއި އެމްޑީޕީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ ކަމަށެވެ. އަދި އާރުޑީސީއިން ހިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށެވެ.

ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. އަދި ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް ފައްޔާޒް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.